ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑޭޑިޓުން ކަނޑައެޅުމަށް އެ ކޯލިޝަންގެ ޕްރައިމަރީ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރޭ ބޭއްވި އެ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރައިމަރީއާ ނުލައި 15 މީހަކު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓު ކަށަވަރުކޮށްފައެވެ. އަދި ހޮނިހިރު ދުވަހު ބޭއްވި އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި 75 ކެންޑިޑޭޓުން ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކޮށްފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ ތާއިދާއެކު ސުޕަމެޖޯރިޓީ ނަގާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަދުވެގެން 62 ގޮނޑި އެ އިންތިހާބުގައި ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން, ވެފައިވާ ކަންކަން ފުއްދުމުގައި ދެމިތިބެއްްޖެ ނަމަ އަންނަ މަޖިލިސް އިންތިހާބުގައި ސުޕަމެޖޯރިޓީ ހޯދުމަކީ ވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ ކަންކަން ކޮށްދީގެން ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ.