ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި މަޖިލިހުގައި މަރުތަޅު އެޅުވީ ސީދާ ސަރުކާރުން ކަމަށް ތުހުމަތުކޮށް، މާދަމާ މަޖިލީހުގެ ތަޅުމުގައި ތަޅު އަޅުވާފައި ހުއްޓަސް ވަންނާނެ ކަމަށް، އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްސަލަ ހުށަހަޅާފައިވަނީ އެއްފަހަރާ ކަމުގައި ވުމުން، ރިޔާސަތު ބެލެހެއްޓެވުމަށް ދެ ބޭފުޅުން ވެސް ވަނީ އިއުތިރާޒުވެވަޑައިގެންފައެވެ. އެ މައްސަލައާ ގުޅިގެން ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި، ދެވަނަ ދައުރުގެ ޖަލްސާތައް ދެން ކުރިއަކަށް ނުގެންދެވޭނެއެވެ.

ސަބަބެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅާފައިވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވާތީއެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަން ކަނޑައަޅާ މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެއެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނަނީ ނަޝީދާއި އީވާގެ މައްސަލަ އެއްފަހަރާ ވެއްދި ނަމަވެސް، ޖަލްސާތައް ކުރިއަށް ދާނެ ކަމަށެވެ. މިކަމާ ގުޅިގެން އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ފޯނު ބިޒީކުރައްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

އެހެންކަމުން މިއަދު ޖަލްސާ ބޭއްވިފައި ނުވާތީ، މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެމްޑީޕީގެ މެންބަރުން ބޭނުންވަނީ މަޖިލިސް ހުއްޓުވާފައި ބޭއްވުމަށް ކަމަށެވެ.

މިއަދު ކުރިމަތިވެފައި މި ވަނީ ކުރިން ވެސް މެދުވެރިވެފައިވާ ހާލަތެއް ކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދަށް ބެލި ކަމުގައި ވިޔަސް، މަޖިލީހުގެ ރައީސާއި ނައިބު ރައީސް އެއްފަހަރާ ވަކިކުރުމަށް މައްސަލަ ހުށަނޭޅޭނެ ކަން ސާފު ކަމަށެވެ. އެކަން މިދިޔަ ތިން ދައުރުގައި މަޖިލީހުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވުމާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ސަލީމް ތުހުމަތުކުރެއްވި ގޮތުގައި، މިކަން ކުރެއްވީ ރައީސް އެނގިވަޑައިގެން، ސީދާ ސަރުކާރުންނެވެ.

"މަޖިލިސް ހުއްޓާލީމާ އަޅުގަނޑުމެންނަކަށް ސަރުކާރު ޖަވާބުދާރީ ކުރެވޭ ހުރިހާ ނިޒާމެތަކެއް ފެއިލްވީ، މިނިވަން މުއައްސަސާތަކަށް ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު އެ މީހުންނަށް ލިބިގެން އެ ދިޔައީ،"

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މަޖިލީހުގައި ތަޅު އަޅުވާފައި ނުބެހެއްޓޭނެ ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން، އަޅުގަނޑުމެން މިތާނގެ ސެކިއުރިޓީ ޖެނެރަލަށް ދަންނަވާފަ ވާނީ، ތަޅު އަޅުވާފަ ހުއްޓަސް އަޅުގަނޑުމެން އިދިކޮޅު ޕާޓީން ގަސްދުކުރަނީ ތަޅުމަށް ވަންނަން ކަމަށް،"

ސައީދު ތުހުމަތުކުރައްވާ ގޮތުގައި، މަޖިލީހުގައި ތަޅު އަޅުވައިގެން ރައީސް އިސްވެ ހުންނަވައި ސަރުކާރުން ކުރަނީ ދެ މަސައްކަތެވެ. އެ ދެ މަސައްކަތަކީ:

  • މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ ހުއްޓުވައި، ޖޭއެސްސީ އަށް ނުފޫޒު ފޯރުވުން
  • ޔާމީން ޖަލުގައި ބައިތިއްބައި، އެހެން ކެންޑިޑޭޓުން އެއްފަރާތްކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުން

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އަހަރުގެ ދެވަނަ ދައުރު މި މަހު ނިމޭނެއެވެ. ނަމަވެސް އީދު ބަންދާ މި މަހުގެ ފަހު ހަފްތާ ދިމާވާތީ މިއަދާއި މާދަމާ ޖަލްސާ ބޭއްވުމުން އަހަރުގެ ދެވަނަ ދައުރުގައި ބާއްވަން ތާވަލުކުރި ޖަލްސާތައް ނިމުނީއެވެ. އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނީ އޯގަސްޓް މަހުގެ 15 ގައެވެ.