ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ރ. ފުއްގިރީގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހަށް ހުށަހަޅައި ދިނުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
އެ މައްސަލާގެ އަޑުއެހުމުގައިި ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބުގެ ހެކިބަސް ނަގާފައި ވާއިރު އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުނު އިންޑިއާ ބަޔަކާ ބައްދަލުކުރީ ޔާމީންގެ އެންގެވުމަކަށް ކަމަށާއި ފުރަތަމަ ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެ ވަަޑައިގަތް ކަމަށާއި ބޮންޑޭ އަކީ އިންޑިއާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ކަމަށެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައި ބޮންޑޭ ވިދާޅުވީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގައި އަދީބު، އޭނާއާ ދެކޮޅަށް ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށާއި އެއީ އޭނާގެ އަބުރަށް ލިބިފައިވާ އުނިކަމެއް ކަމަށެވެ.
މިވަގުތަކީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ވެސް ހުއްޓިފައިވާ ވަގުތެއް ކަމުގައި ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައި ދެއްވުމަށް ބޮންޑޭ ވަނީ އެދިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން މީގެ ކުރިން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބޮންޑޭ ވިދާޅުވީ އަދީބާ ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ދޮގެއް ހެދުމަކީ ވަރަށް ގޯސް ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ސިޓީއަކުން ކޯޓަށް ފޮނުއްވާނެ ކަމަށާއި އެކަން އަދީބު ސާބިތު ކޮށްދެއްވަންން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ދައުލަތުގެ ހެއްކަކަށް ފޮނުވާފައި ހުރި މީހަކު އެ ވަރުގެ ބޮޑު ދޮގެއް ހެދުމަކީ އެ ޝަރީއަތުގެ މަޖިލީހުގައި އެ ދައްކާ ވާހަކަ ދައުލަތުން ހުށަހަޅާ ހެކި ނަފީކުރާނެ ކަމެއް ކަމަށާއި އެއް ގޮތަކަށްވެސް އެއްވެސް މުއާމަލާތެއްގައި އެއްވެސް ބަޔަކާ ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.
އަދީބު ދޭ ހެކިބަހުގައި ޔާމީނޭ ކިޔައިގެން ދައްކާ ހުރިހާ ވާހަކައެއް ތެދުވެފައި އެހެން މީހުންނޭ ކިޔައިގެން ދައްކަނީ ދޮގުވާހަކަ ކަމަށް ވީމާ މުޅިސަރިއަތް ޖޯކަކަށް ނުވޭބާ.