ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށްގެންދިޔަ ރ. ފުއްގިރީގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޮގު ހެއްދެވީތީ ކޯޓަށް ސިޓީ ފޮނުވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރިއަށްގެންދިޔަ އެ މައްސަލާގެ އަޑުއެހުމުގައިި ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބުގެ ހެކިބަސް ނަގާފައިވާއިރު އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުނު އިންޑިއާ ބަޔަކާ ބައްދަލުކުރީ ޔާމީންގެ އެންގެވުމަކަށް ކަމަށާއި ފުރަތަމަ ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެވަަޑައިގަތް ކަމަށާއި ބޮންޑޭ އަކީ އިންޑިއާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ކަމަށެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބޮންޑޭ ވިދާޅުވީ އަދީބާ ބައްދަލުކޮށްފައި ނުވާނެ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ދޮގެއް ހެދުމަކީ ވަރަށް ގޯސް ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ސިޓީއަކުން ކޯޓަށް ފޮނުވާނެ ކަމަށާއި އެކަން އަދީބު ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ދައުލަތުގެ ހެއްކަކަށް ފޮނުވާފައި ހުރި މީހަކު އެ ވަރުގެ ބޮޑު ދޮގެއް ހެދުމަކީ އެ ޝަރީއަތުގެ މަޖިލީހުގައި އެ ދައްކާ ވާހަކަ ދައުލަތުން ހުށަހަޅާ ހެކި ނަފީކުރާނެ ކަމެއް ކަމަށާއި އެއް ގޮތަކަށްވެސް އެއްވެސް މުއާމަލާތެއްގައި އެއްވެސް ބަޔަކާ ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓު ވިޔަފާރިތަކުގައި މަޝްހޫރު ކުންފުނިތަކާއެކު މީގެ ކުރިން ބޮންޑޭ މަސައްކަތްކޮށްފައިވާއިރު އޭނާ ވިދާޅުވީ ފުއްގިރިއަކީވެސް އެފަދަ ބްރޭންޑަކުން ވުމުން އެ މީހުންނާއެކުވެސް މަސައްކަތް ކުރަމުންދިޔައީ ކަމަށާއި އެ މުއާމަލާތް ހިންގާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެކަން ސަރުކާރުގެ ލިޔެކިޔުންތަކުން ފެންނާނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ މި މައްސަލާގެ ފުރަތަމަ ދެއްކި 150،000 ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ އެސްއޯއެފްއަށް ފޮނުވާފައިވާކަން 2015 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެކަމާ ގުޅިގެން 2016 ވަނަ އަހަރު ބަޔާނެއް ވެސް ދީފައިވާނެ ކަމަށެވެ.
ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސް ދިނުމަށް ދާދިފަހުން ބޮންޑޭއަށް ޗިޓު ފޮނުވި ކަމަށާއި އެހެންނަމަވެސް ހެކީގެ މައްސަލާގައި ހައިކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައާ ގުޅިގެން އެ ދުވަހުގެ އަޑުއެހުން ލަސްވެފައިވާ ކަަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި އެ ދުވަހު ޕީޖީގެ މުވައްޒަފުންނާއި ފުލުހުން ބައްދަލުކުރުމުން އެ ވާހަކަތައް ތެދުބަހުން ހިނގާފައިވާ ގޮތަށް ސާފުކޮށް ކިޔައިދީފައިވާނެ ކަމަށް ވެސް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.
ބޮންޑޭ ވިދާޅުވީ އޭނާ ކޯޓަށް ހާޒިކޮށްފިނަމަ އެމްއެމްޕީއާރްސީގެ ވަރަށް ގިނަ ކަންތައްތައް އެނގޭނެ ކަމަށާއި އެކަމާ ސަރުކާރުން ޖެހިލުންވާހެން ހީވެލައްވާ ކަމަށެވެ.