ނިޒާމީ ވޯޓު ނެގުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެ ފުރުސަތު ނުދީ މިހާރު 15 އަހަރު ވެގެންދާ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ ފުރިހަމަ ރިޔާސީ ނިޒާމެއް ކަމަށް ބުނެ އެމެރިކާ ދައްކައިގެން މުޅިން އޮޅުވާލައިގެން އެހެން ވޯޓެއް ނަގާފައިވާ ކަމަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިޒާމީ ވޯޓަށް މީހުން ހޭލުންތެރިކުރުވާނެ ގޮތަކާ ގުޅޭގޮތުން ބައެއް މީހުން ސުވާލު އުފައްދަވާކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ އޭރުގައި ދިވެހި ރާއްޖޭގައި ނިޒާމުގެ ވޯޓް ނެގުނުއިރު ފޮނުވެނީ އެސްއެމްއެސް އެކަނި ކަމަށާއި އެހެންނަމަވެސް މިހާރު މިއީ ފޭސްބުކާއި ޓްވިޓާ ޖެނެރޭޝަން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި އެހެނިހެން ސޯޝަލް މީޑިއާތަކުގައި އިންތިހާއަށް ދިވެހިން ހަރަކާތްތެރިވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މިކަމަކީ މާ ބޮޑު އުނދަގޫ ކަމެއް ނޫން ކަމަށާއި ދައްކަވަނީ ހަނދަށްދާ ވާހަކަ ނޫން ކަމަށެވެ. އަދި އެންމެ އުދަނގޫ ކަންތައް ކަމަށްވާ ސްޕޭސް ޕްރޮގްރާމްތަކުގައި ވެސް ދިވެހިން ބައިވެރިވާ ކަމަށާއި ލަފާކުރެވޭ ގޮތުގައި 10 އަހަރުގެ ތެރޭގައި އަމިއްލަ ސެޓެލައިޓެއް ދިވެހިން ފޮނުވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"މިއީ މާ ބޮޑު އުދަނގޫ ހުރި ކަމެއް ނޫން. ހަނދަށްދާ ވާހަކައެއް ނޫން އަޅުގަނޑުމެން މި ދައްކަނީ."
ބޮންޑޭ

ބޮންޑޭ ވިދާޅުވީ ދައްކަނީ ފެންނަ ނުފެންނަ ވޯޓެއްގެ ވާހަކަ ކަމަށާއި ރިޔާސީ ނިޒާމުގައި ތަޖުރިބާ ކުރެވުނީ ކޮންމެ ފަހަރަކު "އޭނާ" ނޫން ގޮތެއް ހޯދަން އުޅޭތަން ކަމަށެވެ. އަދި މާ ބޮޑު ކަމަކަށް ހަދައިގެން ނިޒާމީ ވޯޓުގެ ކަންކަން ނުކުރެވޭނެ ކަމަށް ދައްކައިގެން އުޅޭ ބަޔަކު އެބަ އުޅޭ ކަމަށާއި ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ދިވެހިން ޕާލިމެންޓަރީ ނިޒާމު އޮތީ ކިތައް ގައުމުގައިތޯއާއި ކިހިނެތްތޯ އެކަން ފެށުނީ ދިވެހިން ދަސްކުރާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.