ރ. ފުއްގިރި މައްސަލައިގައި މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގެ ހެކިބަސް ނަގައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި އިރު އޭނާ ކުރަމުން ދިޔައީ އަމިއްލަ މަސައްކަތް ކަމަށެވެ. އަދި ފުއްގިރީގެ ކޮންސެޕްޓް ޑިޒައިނިން އާއި އީއައިއޭއާ ގުޅޭ ކަންކަމުގައި ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ މަންދޫބެއްގެ ގޮތުން އޭނާގެ ކުންފުނިން ފައިސާ ދައްކާފައިވާނެ ކަމަށާއި، އެ ފައިސާއަކީ ބޭރުގެ ކުންފުނިން ފޮނުވި ފައިސާކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

އަދި އެ މުއާމަލާތާއި ގުޅިގެން އިނީޝިއަލް ޕޭމަންޓެއްގެ ގޮތުގައި 150،000 ޑޮލަރު ބޭރުގެ ކުންފުނިން ދެއްކިކަމަށް ބޮންޑޭ ވިދާޅުވިއެވެ. އޭރު ކްރިކް ރިޒާ އުޅެނީ އެސްޓީއޯގައި ކަން ފާހަގަ ކުރަމުން ބޮންޑޭ އިތުރަށް ވިދާޅުވީ، ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކްރިކް ރިޒާއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް އޮވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ފުރަތަމަ ވަކި އަގެއް ކަނޑައެޅުމަށް ފަހު، ކުއްލިއަކަށް ރަށުގެ އަގު ކުޑަވުމުން ބޭރުގެ ކުންފުނިންވެސް އެ ސުވާލު އުފެއްދި ކަމަށެވެ. އަދި އޭރު ކުންފުނިންވެސް އޮތީ ރަށުގެ އަސްލު އަގުގައި ގަންނަން ތައްޔާރު ވެގެން ކަމަށް ބޮންޑޭ ފާހަގަކުރިއެވެ. އަދި ރަށުގެ އަގު ކުޑަވުމުން އެކަމުގައި ގޯސްތަކެއް ހުރިކަމަށް ޝައްކު ކުރެވޭކަން އޭރު ބޭރުގެ ކުންފުނީގެ ސަމާލުކަމަށްވެސް ގެނެވުނު ނަމަވެސް ރަށާ ގުޅޭ އެއްވެސް މުއާމަަލާތެއްގައި ދުވަހަކުވެސް އަހުމަދު އަދީބާ ބައްދަލު ނުކުރައްވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ދެވަނަ ހެއްކެއްގެ ގޮތުން ހާޒިރުވެފައި ވަނީ ތިމާވެށި ދާއިރާގެ ކޮންސަލްޓަންސީ މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ އަހުމަދު ޝާއިރުއެވެ. އަދި އޭނާއަކީ އެ ކުންފުނީގެ ސީއީއޯއެވެ. އޭނާ ވިދާޅުވި ގޮތުން ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި ބޮންޑޭ އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހެކިބަސް ނަގަމުން ދާއިރު އެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.

އެހެންނަމަވެސް ކްރިކް ރިޒާ ބަލިވެ އުޅޭތީ ޖެހިޖެހިގެން 5 ފަހަރު އަޑުއެހުން ކެންސަލު ކޮށްފައި ވާއިރު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައި ވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމާއެކު މިއަދު ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ކްރިކް ރިޒާގެ ބައި އުނިކުރުމަށް ފަހުއެވެ.