ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ "ޑީލް" ހެދި އިންޑިއާގެ ވިޔަފާރިވެރިންގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި އުޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގުމުގައި އިސްވެ ތިއްބެވި ކަމަށް ޝަރީއަތަށް އެއްބަސްވެފައިވާ އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، އޭރު ޓޫރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސް ކަމުގައި ހުންނެވި އަދީބުގެ ހެކިބަސް ނެގުމެވެ.

ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުނު އިންޑިއާ ބަޔަކާ ބައްދަލުކުރީ ޔާމީންގެ އެންގެވުމަކަށް ކަމަށެވެ. އޭގެ ފުރަތަމަ ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެވަަޑައިގަތް ކަމަށާއި ބޮންޑޭ އަކީ އިންޑިއާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ކަމަށް އަދީބު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ކުންފުނީގެ ފަރާތުން އަހުމަދު ކްރިކް ރިޒާ، ޒިޔަތުއާ ބައްދަލުކޮށް ހަތަރު ލައްކަ ޑޮލަރަށް އަގު ތިރި ކުރުމަށް އެދުނު ކަން މެސެޖް ކުރައްވައި ޒިޔަތު ދެންނެވި ކަމަށް އަދީބު ވިދާޅުވިއެވެ. ރ. އަތޮޅުގެ އެހެން ރަށްރަށް ފަސް މިލިއަން ޑޮލަރާ ގާތް ކުރާ އަގުތަކަށް ދޫކޮށްފައި ވާތީ ހަތަރު ލައްކަ ޑޮލަރު މާ ބޮޑަށް ވެސް ކުޑަވާނެތީ، އެ އަގުގައި ދޫކުރުމަށް އެމްއެމްޕީއާރުސީން ތައްޔާރުކުރި ސިޓީ ނުފޮނުވައި އަދީބު ހިފެހެއްޓެވި ކަމަށް އޭނާ ވިދާޅުވިއެވެ. އަގާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާ ކުރެއްވުމުން، އަގު ތިރިކޮށްގެން މެނުވީ އެމަނިކުފާނަށް ލިބެން އޮތް ކޮމިޝަން ބޮޑު ކުރެވޭނެ ގޮތެއް ނެތް ކަމަށް ޔާމީން އެންގެވި ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

އަދީބު، ޒިޔަތު، ކްރިކް ރިޒާ، އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އޭރުގެ މެންބަރު އަލީ މައުރޫފާއި، އިތުރު މީހަކާ އެކު އެމްއެމްޕީއާރުސީގައި ވެސް ބައްދަލުކޮށްފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި 1.55 މިލިއަން ޑޮލަރަށް ރަށް ކުއްޔަށް ދޫކުރަން އެއްބަސްވެވުނު ކަމަށް ވިދާޅުވިއެވެ.

ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލަައި ދުބާއީގެ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. އެ ކުންފުންޏަށް ފުއްގިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ.