މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހަރަދުގައި މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު އެ ކުންފުނީގެ ތިން މުވައްޒަފަކަށް ދީފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނަށް، ހައްޖު ދަތުރު ހަމަޖެހުނު ކަމުގެ ލިޔުން ހަވާލު ކޮށްދެއްވާފައި ވަނީ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.

މި އަހަރު އެމްޕީއެލްގެ ފަރާތުން ހައްޖަށް ފޮނުވާ 3 މުވައްޒަފުން:

  • މުހައްމަދު އަގްލީމް - ސީނިއާ ފައިނޭންސް އެގްޒެކުޓިވް
  • އައިޝަތު ސުނީޒާ - ސީނިއާ އެގްޒެކެޓިވް
  • އިބްރާހިމް ވަހީދު - ޖެނެރަލް މެނޭޖާ
ހައްޖު ދަތުރު ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެމްޕީއެލް

ޝާހިދު ވިދާޅުވީ މި ފަހަރުގެ ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުންނަކީ ވެސް ވަރަށް ދިގު މުއްދަތަކަށް ކުންފުންޏަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންތަކެއް ކަމަށެވެ. އަދި ހައްޖާއި އުމްރާއަށް މުވައްޒަފުން ފޮނުވުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައެވެ.

"ކުންފުނީގެ ސީއެސްއާރްގެ ދަށުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު މި ކުންފުނީގެ މުވައްޒަފުންތަކަށް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، މި މުވައްޒަފުން މި ކުންފުންޏަށް ވަރަށް ދިގު މުއްދަތަކަށް ކޮށްދީފައިވާ ހިދުމަތް ފާހަގަކުރަން"
ޝާހިދު

ކުންފުނީގެ އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފުން ހައްޖަށް ފޮނުވުން ކަމަށާއި ކޮންމެ އަހަރަކު ވެސް ހައްޖު އަދި އުމްރާގެ މަތިވެރި އަލުކަން އަދާކުރުމުގެ ފުރުސަތުތައް މުވައްޒަފުންނަށް ދިނުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ހައްޖު ކޯޓާގެ ތެރެއިން 3 ޖާގަ ލިބުނީ ވަރަށް މަސައްކަތުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"މި އަހަރު ވެސް އަޅުގަނޑުމެންނަށް ހައްޖު ކޯޓާގެ ތެރެއިން 3 ޖާގަ ލިބުނީ ވަރަށް ބުރަ މަސައްކަތުން. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް ހައްޖު އަދި އުމްރާގެ މަތިވެރި އަލުކަންތައް އަދާކުރުމުގެ ފުރުސަތުތައް މުވައްޒަފުންނަށް ދިނުން. އަންނަ އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ ފަސް މުވައްޒަފުން ހައްޖަށް ފޮނުވުމަށް. އަދި ދެން އަންނަ ރަމަޟާން މަހު ތިން މުވައްޒަފެއް އުމްރާއަށް ފޮނުވުމަށް."
ޝާހިދު

މި ބައްދަލުވުމުގައި ވާހަކަދައްކަމުން ހައްޖު ދަތުރު ލިބުނު ތިން މުވައްޒަފުން ވެސް ވަނީ ހައްޖު ދަތުރު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ސިފަކޮށް ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.

އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރިމަތިލެވޭނީ ކުންފުނީގައި މެނދުނުކެނޑި 15 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ކަމަށްވާއިރު މި ތިން މުވައްޒަފުންނަކީ އެމްޕީއެލްގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖު އަޅުކަން އަދާކުރުމަށް ހުށަހެޅި މުވައްޒަފުންގެ ތެރެއިން ހޮވުނު 3 މުވައްޒަފުންނެވެ.