މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކުރުމާ ގުޅިގެން އެ ބަނދަރުގައި ރަޖިސްޓްރީ ކޮށްފައި ނުވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ބުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ޖޫން 4، 2025 ވަނަ ދުވަހުން ފެށިގެން މާލޭ އުތުރުފަރާތުގައި ހަދާފައިވާ ބަނދަރު، އެމްޕީއެލް ސަރަޙައްދުން ފެށިގެން މަސްމާރުކޭޓް ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމަޔަށް ހިންގުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމުގައި އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެހެންކަމުން މި ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އުޅަނދުތައް އޮގަސްޓް 1، 2025 ގެ ކުރިން މާލޭ ނޯތު ހަބާރުގައި ރަޖިސްޓްރީ ކުރުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ. އަދި، މި ހާބަރުން ހިދުމަތް ދޭނީ މި ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޕީއެލް އިން ވަނީ ސެޕްޓެމްބަރު 1، 2025 ވަނަ ދުވަހުން ފެށިގެން ހާބަރުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް މި ހާބަރު ހިންގުމުގެ އުސޫލުގައި ވާގޮތަށް އަމަލުކުރުމަށް އެދިފައެވެ.