ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުން ވަކި ކުރި ހއ. ފިއްލަދޫ، މަބުސްތާނުގެ މުހައްމަދު ވަހީދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ، މިއަދު މުހައްމަދު ވަހީދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ ކަމަށެވެ.
އޭނާ އެޗްޑީސީގެ ބޯޑް މެންބަރު ކަމުގެ މަގާމުން ވަކިކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑު މެންބަރެއްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ވަހީދު ވަނީ ވެމްކޯ އާއި ހައުސިން މިނިސްޓްރީގައި މެނޭޖްމަންޓްގެ މަގާމުތައް ފުރުއްވާފައެވެ.
ވަހީދު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ އިރު، މިހާރު އެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ޗެއާޕާސަން އާމިނަތު ހަމީދު އާއި ސީއީއޯ މުހައްމަދު ރިޝްވާންގެ އިތުރުން އަހްމަދު އިލްޔާސް އާއި އަހްމަދު ފަހުމީ އަދި އަހްމަދު ނިޔާޒެވެ.