ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅިގެން އާބަންކޯއިން އިފްތިތާހު ކޮށްފައިވާ 'ދުނިޔެ މަގޭ' ކެމްޕެއިންގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު އިވެންޓެއް ބާއްވަން އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ، ދުނިޔެގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި މި މަހުގެ 5 ވަނަ ދުވަސް ފާހަގަ ކުރާއިރު، އެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ސާފުކުރުމުގެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

މި އިވެންޓު ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުންނެވެ. އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ 7 ސަރަހައްދެއް މި އިވެންޓުގައި ސާފުކުރުމަށް ހަމަޖެހިފައިވާއިރު އެއީ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ، މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެން ކަމަށާއި 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓާ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައި ކަމަށެވެ.

އާބަންކޯއިން ބުނީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އާބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށްދާ ކަމަށް އާބަންކޯއިން ބުނެއެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އާބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފް ކޮށްފައިވާ ކެމްޕޭނެއް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއން ބުނީ، މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރާވާފައިވާއިރު ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

މި ކެމްޕޭންގެ ދަށުން ހުޅުމާލެ އާއި މި ކޯޕަރޭޝަންގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.