ސުލްހަ މަސަލަސްކަމާ އެކީ މި ތަޖުރިބާ ކުރެވުނު ފަސް އަހަރު އިތުރަށް ދަމާލައިފިނަމަ، ރާއްޖެ އެއްކޮށް ސުލްހަ ކުރެވޭނެ ކަމަށް އައްޑު ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް ސޯލިހްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ނިޒާރު ދެއްކި ވާހަކައިގައި ވިދާޅުވީ ރައީސް ސޯލިހް ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަނީ ފިތުނަވެރި ވާހަކަތައް ދައްކައިގެން ގައުމު ހަލަބޮލި ކުރަން ފާހަގަކޮށް ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްވެސް ހަގީގަތެއް ނެތް ވައްކަން މީހުންގެ ބޮލުގައި އަޅުވަމުންދާ ކަމަށެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ ރައީސް ސޯލިހްއާ ވަރަށް ގާތުން މަސައްކަތް ކުރެވިފައިވާ ކަމަށާ ނަމަވެސް މިއަދު ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ބޮލުގައި އެކި ކަހަލަ ތުހުމަތުތައް އަޅުވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހްއަށް ކޮންމެ ފަދަ ތުހުމަތެއް ކުރެއްވި ނަމަވެސް އެމަނިކުފާނު ހުންނަވާނީ އަޑު އައްސަވައިގެން ކަމަށާއި އެކަމަކާއި ގުޅިގެން އެއްވެސް ކަހަލަ ރައްދެއް ނުދެއްވާނެކަމަށް ނިޒާރު ވިދާޅުވިއެވެ.
އިތުރަށް ނިޒާރު ވިދާޅުވީ ސިޔާސީ ކަންކަމުން ކުރިއަރައިގެންދާން ބައެއް ފަރާތްތަކުން ދައްކަމުންދާ ފިތުނައިގެ ވާހަކަތަކުގައި ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ.