އައްޑޫ ސިޓީ މީދޫގައި ވެލިނަގަން ދުއްވާ 'އިރުވެލި ދޯނި' އަޑިއަށް ގޮސް، ދޯނިން ކަނޑުވި ދެ ބިދޭސީން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު މެންދުރު 12:30 ހާއިރު މީދޫ އިސްމެހެލާ ހެރައާއި ދިމާލު ބޭރުން ވެލިނަގާ ދޯންޏެއް އަޑިއަށް ގޮސްފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ދޯނި އަޑިއަށް ދިޔަ އިރު، ދޯނީގައި ބަންގްލަދޭޝް މީހަކާއި، ސްރީލަންކާ މީހަކު ތިބިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ދެމީހުން ސަލާމަތްކޮށްފައިވަނީ އެމްޓީސީސީ ސަދަން ލިންކުގެ ލޯންޗަކުން ކަމަށެވެ. އަދި އަޑިއަށް ދިޔަ ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރި ފަރާތުން ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ކަނޑުން ސަލާމަތްކުރި ދެމީހުންގެ ހާލުވެސް ރަނގަޅެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދުވަސްވަރު ރާއްޖޭއަށް މޫސުމް ގޯސްވެ ވިއްސާރަކުރަމުން އަންނައިރު، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާއި ގުޅޭ އިދާރާތުން ވަނީ އިލްތިމާސްކޮށްފައެވެ.