އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއި ކުރި މި މަޝްރޫއުތަކަކީ އިންޑިއާގެ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު ތަކެކެވެ.

އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް:

  • މާލޭގައި އާޓް ސެންޓަރެއް ގާއިމުކުރުން
  • ޅ. ހިންނަވަރު ކައުންސިލްގެ އާ އިދާރީ އޮފީސް ތަރައްގީކުރުން
  • ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން
  • ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޔުނިޓެއް ގާއިމުކުރުން
  • ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ ސުކޫލަށް ސްކޫލް ބަސް ފޯރުކޮށްދިނުން
  • ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްގީ ކުރުން
  • އައްޑޫ، ހިތަދޫ 2 ސަރަހައްދެއްގެ އިތުރުން ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ގާއިމްކުރުން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާގެ ސަރުކާރުގެ އެހީއާއެކު ގެނެވޭ ސުކޫލު ބަސްތަކުގެ ސަބަބުން ސްކޫލަށް ދިއުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށާއި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމްގެ ދަށުން ޒަމާނީ ތައުލީމީ ވަސީލަތްތަކާއި އުކުޅުތަކަށް ވާސިލްވުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުތަކުގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އެންޓި ޓީ.ބީ ބޭސް ހަދިޔާކޮށްފައެވެ. ޝާހިދު ވިދާޅުވީ އިންޑިއާ ސަރުކާރުން ހަދިޔާކުރި އެ ބޭހަކީ އިންޑިއާ އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަމުން އަންނަ ގިނަގުނަ އެހީތަކަށް އިތުރު ވެގެންދިޔަ ބޮޅެއް ކަމުގައެވެ.