ޗާގޯސް މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ބަލައިނުގަތުމުގެ ހައްގު ދިވެހި ސަރުކާރަށް އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، މިރޭ ބޭއްވި "ކަނޑު ވިއްކުމާ ދެކޮޅު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ، އިޓްލޮސްގެ އެތައް ނިންމުމެއް އެކި ސަރުކާރުތަކުން ގަބޫލު ނުކުރުމުން އަމަލު ނުކުރެވި އެބަހުރި ކަމަށެވެ. އަދި މި ސަރުކާރަށް ވެސް އެގޮތަށް ކަންތައް ކުރެވުނީސް ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.

އިޓްލޮސްގެ ނިންމުން ނިންމުމަކަށްވާނީ ދިވެހި ސަރުކާރުން އެކަން ގަބޫލުކުރީމާ
އުމަރު ނަސީރު

އުމަރު އިތުރަށް ވިދާޅުވީ، ދިވެހިންނަށް ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށާއި ރާއްޖޭގެ ސަރަހައްދެއް ލިބުނީ މޮރިޝަސް އަށް ކަމަށާއި އެކަމަށް ބާރު އެޅީ އެހެން ގައުމަކުން ކަމަށެވެ. އޭނާ އެ ތުހުމަތު ކުރައްވަނީ އިންޑިއާއަށެވެ.

ސަރުކާރުން މޮރިޝަސް އަށް ކަނޑު ވިއްކާލީ 5،000 މަސްވެރި އާއިލާގެ ހައްގުތައް ދޫކޮށްލާފައި ކަމަށާއި އެހެން ސަރުކާރެއް އޮތް ނަމަ، މޮރިޝަސްގެ ބައެއް ކަމަށް ބުނެ ސިޓީ ނުފޮނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

މި މައްސަލަ އިން އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުން ކަން. މި ސަރުކާރު ފެށުނީއްސުރެ ބުނަން ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުންނޭ. މިތަނަށް ސިފައިން ބާލައި ހެލިކަޕްޓަރު ދުއްވައި ކޮން ގަނޑެއްތޯ މި ގަންނަނީ؟ އަޅުގަނޑުމެންނަށް މިކަން ނޭނގިގެން ނޫޅެމޭ. އަޅުގަނޑު މާ ބޮޑަކަށް ތިލައެއް ނުކުރާނަން.
އުމަރު ނަސީރު

އުމަރު ވަނީ ރައީސް ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ބާތިލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދެން އަންނަ ސަރުކާރަކުން ފޯޅަވަހި ދިވެހި ދައުލަތަށް ނަގަން ދައުވާ ކުރައްވާނެ ކަމަށާއި އަދި ގެއްލުނު ކަނޑުގެ ބައި ވެސް ހޯއްދަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.