އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން އެނގި އެ މީހުން ނެތް ކަމަށް ދޭހަވާގޮތަށް މާޒް ސަލީމް ދެއްކެވި ވާހަކަތަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މާޒް ވަނީ އުމަރު ނަސީރާ މަޝްވަރާ ނުކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހުމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރައްވާ ކަން އިއުލާން ކުރައްވާފައެވެ. އަދި އެއަށްފަހު ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި އޭނާ ބައިވެރިވެ ވަޑައިން ވަނީ އިދިކޮޅުން އެންމެ ބޮޑަށް ޕްރޮމޯޓް ކުރަމުންދާ 'އިންޑިއާ އައުޓް' ކެމްޕެއިން ހަރަކާތަށް ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންޑިޔާ އައުޓް ސްލޯގަން ހިޔާރުކުރީ އޭރުގައި މުޒާހަރާތަކަށް ދާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ޖޯޝު އިތުރު ކުރުމަށް ކަމަށް މާޒް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ސަރުކާރަށް ޕްރެޝަރު ކުރަން ކުރާކަމެއްކަމަށް ވަރަށް ގިނަ މީހުން ގާތު އޭރުވެސް ވިދާޅުވަމުން ގެންދެވި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"މި ސްލޯގަން އިދިކޮޅުން ހިޔާރުކުރަން ޖެހުނު ސަބަބަކީ އިދިކޮޅުން އޭރުގައި މުޒާހަރާތައް ކުރަމުން ދާއިރު މީހުން މަދުވާތީވެ މީހުން ނާންނާތީވެ، ވިއްސަކަށް ތިރީހަކަށް މީހުން އަންނާތީވެ ގައުމީ ޖޯޝުގައި މީހުން ނުކުންނަ ކަހަލަ ސްލޯގަނެއް ހޯދަންވެގެން. އަބްދުﷲ ޝާހިދު ވިދާޅުވާހެން ފިތުނައިގެ ސްލޯގަން ނެރުނީ. އެ ސްލޯގަނުގައި ވަރަށް ގިނަ މީހުން ޖެހުނު. އަޅުގަނޑުމެން އެމީހުން ހިފަހައްޓަންވެސް ހިފެހެއްޓިން ނުދާށޭ ކިޔާފައި" މާޒް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން އުމަރު ހިއްސާކުރެއްވި ކުރު ވީޑިއޯއެއްގައި ވިދާޅުވީ ސަލީމް އެމްޑީޕީގެ ޕޯޑިއަމުން ފެނުމަކީ ހައިރާންކަން ލިބިވަޑައިގެންނެވި ކަމެއް ކަމަށާއި އިންޑިޔާގެ ސިފައިން ރާއްޖޭގައި ނެތްކަމަށް ދޭހަވާ ފަދަ ގޮތަކަށް އެ ޕޯޑިއަމްގައި ވާހަކަ ދެއްކުމަކީ މާބޮޑަށް ހައިރާކަން ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ. އުމަރު ވިދާޅުވީ މާޒް އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި އޭނާ އާއެކު ފުރަތަމަ ބުރުގައި މާލޭގައިި ޕިކަޕްތަކުުގައި، އެވާހަކަތައް ކިތަންމެ ވަރަކަށްވެސް ދެއްކެވި ބޭފުޅެއް ނަމަވެސް މިއަދު ކުއްލިއަކަށް އެމީހުން ނެތްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
އަދި އޭނާއާއެކު މަސައްކަތް ކުރި މީހަކު ކޮޅު ބަދަލުކޮށްގެން އެހެން ފަރާތަކަށް ދާދިއުން އެއީ އެމީހަކު އަމިއްލައަށް ޒިންމާވާންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ. އަދި އިންޑިއާ ސިފައިން ބާލަން މަސައްކަތް ކުރާ ކޮންމެ ބަޔަކަށް މަދަދު ދެއްވާނެ ކަމަށާއި އެ މަސައްކަތުގައި ދިވެހި އެންމެހާ ރައްޔިތުންވެސް ދެމި ތިބުމަށް އުމަރު އެދިވަޑައިގަތެވެ.
އަދި އޭނާއަށް ތާއީދު ކުރާ މީހަކު އެހެން މީހަކަށް ތާއީދު ކުރުމަކީ މައްސަލައަކަށް ނުވި ނަމަވެސް ގަބޫލު ކުރަމުން ދިޔަ ހަގީގަތްތަކާއި ދެއްކި ވާހަކަތައް އެހެން ގޮތަކަށް ކުއްލިއަކަށް ބަދަލު ވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫންކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.