ކުރިއަށް އޮތް 5 އަހަރުގައި މަސައްކަތް ކުރައްވާނީ އޮޕޮޒިޝަންގެ ގޮތުގައި ކަމަށާއި ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ކުރިމަތިލައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ނިންމުން ހާމަ ކުރައްވައި ރޭ ވިދާޅުވީ، ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމަށް އޭނާއާއެކު މަސައްކަތް ކުރި އަދި އޭނާގެ ފިކުރު ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރި އެންމެ ހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށެވެ. އޭނާ ގެންނެވި ފިކުރު ފިކުރަކަށް ވެއްޖެ ކަމަށާއި ގަދަ ހަތަރެއްގައި އެ ފިކުރު އޮތުމަކީ ގިނަ ބައެއްގެ ތަރުހީބު އަދި ގިނަ ބަޔަކު އޭނާގެ ފިކުރު ބަލައިގެން ކަމެއްގެ ގޮތުގައި އުމަރު ފާހަގަ ކުރެއްވިއެވެ.

"މި ރާއްޖެ ހިންގަމުން ދާނެ، އެކަމަކު ދިވެހިރާއްޖެއަށް ބޮޑު ބަދަލެއް ނާންނާނެ. ހަމަ މިހާރުވެސް ދިއުޅިއަޅުވައިގެން އެ ދިއުޅީގައި އަނބުރަމުން އަނބުރަމުން ގެންދާނެ. މި ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނީ މި ސިޔާސީ ދެ ޕާޓީގެ އަތުން ވެރިކަން އަތުލައި އެހެން ބައެެއްގެ އަތަށް ވެރިކަން ދީގެން"
އުމަރު ނަސީރު

ދެވަނަ ބުރަށް ހޮވިފައިވާ ދެ ކެންޑިޑޭޓުން ތަމްސީލް ކުރާ ޕާޓީއާ މެދު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ ދެ ޕާޓީ ވެރިކަމަށް އައިސްގެން މާ ބޮޑު ބަދަލެއް ނުފެންނާނެ ކަމަށެވެ. އެ ބަދަލު ފެންނާނީ އެމްޑީޕީއާއި ޕީޕީއެމް ނޫން ބަޔަކަށް ވެރިކަން ލިބިގެން ކަމަށެވެ. އެ ގޭތެރޭގައި ވެސް އެއްލެޔެއް ހިނގާ މީހުން އެބަ ތިބި ކަމަށާއި ނަމަވެސް އެއްލެއެއް ހިނގުމަކީ ދެބެންގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމަވާ ކަން އުމަރު ވަނީ އިއުލާން ކުރައްވާފައެވެ. ދިވެހިރާއްޖެއަށް ބޭނުންވަނީ ވަރަށް ވަރުގަދަ، ސާފު، ކޮރަޕްޝަން ނެތް އަދި ކޮރަޕްޝަން ނުހިންގާނެ ލީޑަރެއް ކަމަށް އުމަރު ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ދަރިން ރަނގަޅު އަހްލާގެއްގައި އުޅޭ ބަޔަކަށް ހަދައިދޭނެ، މަގުމަތީގައި މަސްތުވާތަކެތި ވިއްކާ އެފަދަ ކަންކަން ކުރުން ހުއްޓުވޭނެ ލީޑަރެއް ބޭނުންވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މި އިންތިހާބުގައި ނިކުމެވަޑަިއގެން ތިއްބެވި ލީޑަރުން ރަމްޒުވާ ސިޔާސީ ޕާޓީ ބޭނުންވާ ގޮތަށް ވެރިކަން ހިންގަން ދޭން ޖެހޭނެ ކަމަށެވެ. އެ ސިޔާސީ ޕާޓީގެ ތެރެއަށް ވަދެ "ކޭކް ފަޅައި، އެމިނިސްޓްރީ އަޅުގަނޑަށް" ދޭން ޖެހޭ ގޮތަށް ކަންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މި ފަހަރު ކޯލިޝަން ހަދަން އިތުރު ބަޔަކު ނުދާ ކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ، މިފަހަރު މިއޮތީ އެންމެ ވަރުގަދަ ދެ ސިޔާސީ ޕާޓީ ކަމަށާއި އެމީހުންނާ އެކު އިތުރު ބަޔަކު ކޯލިޝަން ނެހެދުމަކީ އެމީހުނަށް "ކޭކް" އެއްކޮށް ކާލަން ލިބޭ ފުރުސަތެއް ކަމަށެވެ. އުމަރު ހުންނެވީ "ކޭކް ފަޅައިގެން ކޭކް ބަހާ" ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.