ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖީލެއް ނެތި ދަނީއެވެ. އިދާރާތަކާއި ކަމާ ބެހޭ ފަރާތްތައް ތިބީ ގަދަ ނިދީގައެވެ. ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ ކޭސްތަކުގައި ހިމެނޭ ކުޑަކުދިންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ރާއްޖޭގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރީގެ އަގު އެތައް ސަތޭކަ މިލިއަން ރުފިޔާއަށް އަރާއިރު މި ކަން ކުރާ މީހުންގެ ނުފޫޒު ނުފޯރާތަނެއް ރާއްޖެއަކު ނެތެވެ. ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ނުފޫޒު ގަދަ ވެރިންނެވެ. މިކަމުގެ ސަބަބުން ގެއްލިގެން ދަނީ އެތައް ޒުވާނެއްގެ މުސްތަގުބަލެވެ.
މަސްތުވާތަކެތީގެ މައްސަލައިގެ ޝަރީއަތްތައް މަޑުޖެހި، އެތައް އަހަރަކަށް ދެމިގެންގޮސް، ހީނުކުރާ ގޮތް ގޮތަށް އޭގެ ބޮޑުން ދޫވަމުންވެސް ދަނީއެވެ.
ފާއިތުވި 10 އަހަރުގެ މަސްތުވާތަކެތީގެ ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު:
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނައިސް ކޭސްތައް ދަނީ އިތުރު ވަމުންނެވެ. ޒުވާނުންގެ އިތުރުން ކުޑަކުދީން މަސްތުވާތަކެތީގެ އަވައިގައި ޖެހޭ މިންވަރުވެސް އިތުރުވަމުން ދާއިރު މިއީ އެތައް ބައެއްގެ އިހުމާލެވެ. މިދިޔަ 10 އަހަރަށް ބަލާއިރު:
- 2014 - 3134 މައްސަލަ
- 2015 - 2083 މައްސަލަ
- 2016 - 2374 މައްސަލަ
- 2017 - 2039 މައްސަލަ
- 2018 - 2231 މައްސަލަ
- 2019 - 2187 މައްސަލަ
- 2020 - 1420 މައްސަލަ
- 2021 - 1447 މައްސަލަ
- 2022 - 1423 މައްސަލަ
- 2023 - 1246 މައްސަލަ (އޮގަސްޓްގެ ނިޔަލަށް)
2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދަށް ބަލާއިރު، 2020 ވަނަ އަހަރު ފިޔަވާ އެހެން ހުރިހާ އަހަރެއްގައި ވެސް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން ކޮންމެ އަހަރެއްގައި ވެސް މާލެ ސަރަހައްދުން ރިޕޯޓު ކޮށްފައިވާ ކޭސްތަކުގެ އަދަދު 1000 އިން މައްޗެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނައީ މީހުންގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު ރިޕޯޓު ކޮށްފައިވާ ކޭސްތަކުގެ 46 ޕަސެންޓަކީ މީހުންގެ އަތުގައި މަސްތުވާތަކެތި ހުރި މައްސަލަތަކެވެ. 26 ޕަސެންޓަކީ މަސްތުވާތަކެތި ވިއްކި މައްސަލަތަކެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރި މައްސަލަތަކަކީ އޭގެ ތެރެއިން 14 ޕަސެންޓަށް ވާއިރު އެތެރެ ކުރި މައްސަލަތަކަކީ 10 ޕަސެންޓެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ވަކާލާތު ކުރަން ކެރުމާއި ނުކެރުން
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީހިނދު މި ގައުމުގައި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ދުވަހަކުވެސް ހުއްދައެއް ނުކުރެވޭނެ ކަމަށާއި، މަސްތުވާތަކެތީގެ ކަންކަން ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން އޭނާއަށް ކެމްޕެއިންގެ ތެރޭގައި މަރުގެ އިންޒާރު ދިނެވެ.
އުމަރަށް އިންޒާރުދިން މީހާ ވަނީ، ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން މަސްތުވާތަކެތި ބެހިކަމުގެ ތުހުމަތުވެސް ކޮށްފައެވެ. އަދި ދައުލަތައް ފައިސާ ވަންނަނީ ވެސް ޑްރަގުން ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާގެ އެ ވާހަކަތަކަކީ އާންމު މީހުންވެސް ދައްކާ ވާހަކަތަކެއް ނަމަވެސް ސާބިތު ހެއްކެއް ފެންނަން ނެތް ވާހަކަތަކެކެވެ.
އޮގަސްޓް 19 ވަނަ ދުހަވުގެ ހަމަލާއާ ގުޅޭގޮތުންވެސް އުމަރު ވިދާޅުވީ އޭނާއަށް ހަމަލާ ދިނީ ޑްރަގް ވިޔަފާރީގައި އުޅޭ މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ހަމަލާ ދިން މީހާ ހަމަލާ ދިނުމަށްފަހު ފިލާފައިވީ ނަމަވެސް އުމަރުގެ ސެކިއުރިޓީއަށް ތިބި ސިފައިން ވަނީ އެ މީހާގެ ފޮޓޯއެއް ފުލުހުންނާއި ހިއްސާކޮށްފައެވެ. އެކަން މިއަދާ ހަމައަސް ވެސް ނިމިދިޔަ ގޮތެއް ވެސް ސާފެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރި އިރު އެ ކެންޑިޑޭޓުންގެ ބޮޑެތި ވައުދުތަކުގައި މަސްތުވާތަކެއްޗާއި، ގޭންގު މާރާމާރީއާއި، ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ޝެއާކުރާ މީހުންގެ އެ އަމަލުތައް ހުއްޓުވަން އެއްވެސް ކެންޑިޑޭޓެއްގެ މެނިފެސްޓޯގައި ސާފު ސިޠާސަތެއް ހިމަނާފައި ނުވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. ކޮންމެ ރަށެއްގައި ޕިކްނިކް ދިއުމަށް ޕިކްނިކް އައިލެންޑުތައް ހަދަން ވައުދުވާ އިރު ކުށުގެ ވެށީގައި އޮތް މި މުޖުތަމައުގެ އަމަން އަމާންކަމާ ގުޅިފައިވާ ކަންކަން ރަނގަޅު ކުރާނެ ގޮތުގެ ވާހަކަ ތަފްސީލު ގޮތެއްގައި ނުދެއްކުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
ރިޔާސީ އިންތިހާނުގެ ދެވަނަ ބުރުގެ ގަދަ ހިފުމަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒާއި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ނިކުމެވަޑައިގެންފައި ވާ އިރު، މުއިއްޒުގެ މެނިފެސްޓޯއާ ހިލާފަށް ސޯލިހުގެ މެނިފެސްޓޯގައި، ސުރުހީގައި ވާ މައްސަލައަށް ހައްލު ހޯދައިދީފައެއް ނުވެއެވެ. އެ މެނިފެސްޓޯގައި މަސްތުވާތަކެއްޗާއި، ގޭންގު މާރާމާރީއާއި، ޕޮނޮގްރަފީ [ބަރަހަނާ މަންޒަރުތައް] ޝެއާކުރާ މީހުންނާއި ޖިނާއީ ހަރަކާތްތައް ހުއްޓުވުމާ ގުޅޭ ސާފު ފިޔަވަޅުތަކެއް ފެންނާކަމަށް ނެތެވެ.
މަސްތުވާތަކެތީގެ މައްސަލައަށް މުއިއްޒުގެ މެނިފެސްޓޯގައި އޮތް ހައްލު
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ވަނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ހިމަނާފައެެވެ. އެގޮތުން ޖުމްލަ 19 ޗެޕްޓަރަކަށް ބިނާވާ އެ މެނިފެސްޓޯގެ އެންމެ ފުރަތަމަ ޗެޕްޓަރު ކަމުގައިވާ "ޒުވާނުން" ގެ ބައިގައި ވަނީ މިޒާޖު ހުރި ގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުސަތު ބޮޑު ކުޑަކުދިންނާއި ޒުވާނުން ދެނެގަނެ، އެފަދަ ކުދިންނަށް އަދި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ. އަދި ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުޑަކުދިންނާއި ޒުވާނުން މުޖުތަމައަށް އަނބުރާ އަހުލުވެރި ކުރުމުގެ ގޮތުން ބޮޑެތި ޖަލު ހުކުމްތަކާއި ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި އިޖްތިމާއީ ހިދުމަތުގެ ހާއްސަ ވެއްޓަކާއި އިންތިޒާމު ތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޔާސަތުތަކާއި އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނެއެވެ.
މީގެއިތުރުން "ދުސްތޫރީ ގާނޫނީ އަދި ޝަރުއީ އިސްލާހު" ގެ ދަށުން ޑްރަގް ކޯޓުގެ ނިޒާމު، ޒަމާނާ އެއްގޮތައް ހަރުދަނާ ކުރުމާއެކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް، މުޖުތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިތުރު ބާރެއް އެޅުމަށް ވެސް ވަނީ ހިމަނާފައެވެ.
ޖިނާއީ ކުށްވެރިން ގާނޫނަށް ވުރެ މަތީގައި!
ފަޓާހެއް ވަރުގެ ކުޑަކުޑަ ފައިދޮށު ފުރޭތައެއްވެސް އެތެރޭ ނުކުރެވޭ މި ގައުމުގެ ދޮރާށިތަކުން މަސްތުވާތަކެތި ވަންނަ ގޮތް ހަމަ އުޅެއުޅެވެސް އިދާރާތަކަށް އެނގޭ ކަމަކަށް ނުވެއެވެ. 24 ގަޑިއިރު ފާރައަށް ތިބޭ އިރުވެސް މަޝްތުވާތަކެތި ރާއްޖެއަށް ވަދެ އަދި ފުރަ މާލޭގެ މަގުމަތީގައި ކާރުތަކުގެ ޑިކީއިން ކިލޯ ކިލޯއިން ހުންނަ ގޯނިގޯނި ފެންނަ އިރުވެސް އެތެރޭ ވާ ގޮތެއް ނޭނގެއެވެ. އަޖައިބަކަސް މިއީ އަރަތެކެވެ.
"ފަޓާހެއް ނުވެއްދޭ، ބަޑިއާއި ވަޒަނެއް ނުވެއްދޭ، މަސްތުވާތަކެތި ވެއްދޭ، އަޖައިބެއްތާ ދޯ، ކިހިނެއް ފުލުހާއި، ސިފައިންނާއި ކަސްޓަމާ ދެން ބޮޑުންނާ ނުގުޅި އެކަން ވަނީ"
ކަންބޮޑުވުން ފާޅު ކުރާ ފަރާތްތަކުގެ އެ ޝަކުވާއަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ޑްރަގް ކާޓެލްތަކާ ގުޅިފައި ތިބި ދިވެހިންގެ މުއްސަނދި ކަމާއި ފައިސާއާއި ޖިނާއީ ކުށްތަކުގެ ބާރުގައި އިދާރާތަކުގެ ވެރިން 'ގަނެލައިގެން ތިބެ' ހިންގާ ޖަރީމާގައި ބައިއެޅޭކަން އެންމެން ދަނެއެވެ. އިލީގަލް މަގުތަކުން ފައިސާގެ މުއާމަލާތްތައް ހިންގާ ގޭޓްވޭތައް ވެސް އެނގެއެވެ. ބައިނަލްއަގުވާމީ ޕޭމަންޓް ސިސްޓަމްގެ ތެރެއިން އެކަން ކުރުން ހުއްޓުވުމަށް އެފަދަ މަގުތައް ބަންދު ކުރިނަމަވެސް ގޭންގްތަކުގެ ނުފޫޒުގައި ތާށިވެ ސަރުކާރުގެ އިދާރާތަކުން އެކަންކަމަށް މަގުފަހިކޮށްދޭ ކަން ވެސް އެނގެއެވެ. މި ވާހަކަތައް އިދާރާތަކުން ނުދައްކަނީ 'ފިތިފައި ތިބޭލެއް' ބޮޑުކަމުންނެވެ.
އާންމުންގެ ހިޔާލު - މަސްތުވާތަކެތީގެ ވަބާ ނުހުއްޓި ފެތުރެނީ މިހެންވެ!
ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ނުހުއްޓި ދުވަހެއް ދުވަހަކަަށް އިތުރުވެގެން ދަނީ ކީއްވެތޯ ސުވާލު ކުރުމުން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނި ގޮތުގައި މީގެ އަސްލަކީ އެކަން ކުރާ މީހުންނަށް ހައްގު އަދަބު ނުދިނުމެވެ. ނަން ނުޖެހުމަށް އެދި އާންމު ފަރާތަކުން ބުނި ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އަދަބެއް ނުދޭ އިރު މޯރަލް ސަޕޯޓު ވެސް ނުލިބެއެވެ.
މީގެ އިތުރުންވެސް އެހެން ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ބައެއް ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހެނީ ރައްޓެހިންނާއެކު އަޖުމަ ބަލާލުމުގެ ގޮތުންނެވެ. ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އިހުސާސް ވަނީ ދިރިއުޅުން ފުނޑުފުނޑުވާ ހިސާބަށް ދިއުމުންނެވެ.
ގިނަ ފަހަރަށް ހީވެފައި އޮންނަނީ ތިމާ އަކީ ޒުވާނަކަށް ވުމުން މަރު އައިސް އެހާ އަވަހަށް ބައްދަލު ނުކުރާނެ ކަމެށެވެ. އެހެންނަމަވެސް އެއީ ކުށް ހީއެކެވެ. އުމުރުން ކިތަންމެ ހަގަސް އަދި ދޮއްޓަސް އެމީހާގެ އަޖަލު ޖެހުމުން، މި ދުނިޔެ ދޫކޮށް ދިޔުން ފިޔަވާ އެހެން ގޮތެއް ނޯވެއެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނައިރު މަސްތުވާތަކެތި ބޭނުން ކޮށްގެން އޯވަޑޯޒް ވެގެން މަރުވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުން ވެސް މިކަމުގެ ތެރެއަށް ގޮސް ހުސްވަނީއެވެ. މި ދުނިޔެ އަކީ ވަގުތީ ތަނަކަށް ވާއިރު މި އަމަލުތަކުން މީހާ ދުރުވެ، އިސްލާހުގެ މަގަށް އަނބުރާ ރުޖޫއަވެ، މުޖުތަމައަށް ބޭނުން ހިފޭ މީހެއް ކަމުގައިވާން އެބަޖެހެއެވެ.
ޢައިޝާ އަށް ސާބަސް ♥️✔️
އަޅުގަނޑަކީވެސް 13އަހަރުގެ ކުޑަ އަންހެން ކުއްޖަކު މާތިރިނުވެގެން ދައުލަތު ކަމާބެހޭ މުއައްސަސާތަކަށް އާދޭސް ދަންނަވަމުން އަންނަތާ 3 އަހަރުވެ ކުއްޖާހަލާކުވެ ޢާއިލާގެ ހިއްތަށް....
މިކަން ރަނގަޅެއް ނުވާނެ. ރާއްޖޭގެ ސަލަފުން މިކަން ރަނގަޅުވިޔަދޭކަށް ނޭދެ