ދެމަފިރިން ކައިވެނި ކުރުމަށްފަހު އަނބިމީހާ ކުރާ ހަރަދު، ދެމަފިރިން ވަރި ވުމަށްފަހު އެ ފައިސާ އަނބުރާ ހޯދަން އަންހެން މީހާއަށް ދައުވާ ކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން މައްސަލައެއް ނިންމައިފި އެވެ.
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ހައި ކޯޓުން ވެސް އަންހެން މީހާ އަށް ނާކާމިޔާބު ލިބި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލާ ނިންމާ، މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ކުޑަހުވަދޫއަށް އުފަން ފިރިހެންމީހާއަށް އެ ރަށުން ގޯއްޗެއް ލިބި އިމާރާތްކޮށް އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައިވީ ނަމަވެސް އޭގެ ކުރިން ދެމަފިރިން ވަރިވި ފަހުން އަނބުރާ ހޯދުމަށް އަންހެން މީހާ ދައުވާ ކުރި މައްސަލައިގައެވެ.
އަންހެން މީހާ ދައުވާ ކޮށްފައި ވަނީ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް ގެއިން ބައެއް ދިނުމަށް ފިރިމީހާގެ ކިބައިން އެދުނު ނަމަވެސް ފިރިހެން މީހާ އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށް ބުނެއެވެ. އެއާއެކު އަންދާޒާކޮށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހޯދުމަށް އަންހެން މީހާ ވަނީ ދައުވާ ކޮށްފައެވެ.
މި މައްސަލައިގައި ފިރިހެންމީހާ ބުނެފައިވަނީ ގެ އަޅަން ބޭންކުން ލޯނެއް ނެގި ކަމަށާއި އަދި އެ ލޯނަށް އަންހެން މީހާ ފައިސާ ދެއްކި ކަމަށެވެ. ނަމަވެސް ދެއްކީ ކިހާ ފައިސާއެއްކަން ބުނަން ނޭނގޭ ކަމަށް ފިރިހެންމީހާ ވަނީ ބުނެފައެވެ. އޭގެ ދިފާއުގައި އަންހެން މީހާ އޭނާ ކުރި ހަރަދުތައް ސާބިތުކޮށްދިނުމަށް ލިޔެކިޔުންތައް ވަނީ ހުށަހަޅާފައެވެ.
އަދި އަންހެން މީހާ ކުރި ހަރަދަކީ ލިޔެކިޔުމުން އަނބުރާ ދައްކާގޮތަށް ކުރި ހަރަދެއް ނޫން ކަމަށް ފިރިހެން މީހާ ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް ދިފާއުގެ ގޮތުގައި ފިރިހެންމީހާ ބުނެފައި ވަނީ އަނބިމީހާ އަށް ހަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް އިސްލާމީ ޝަރީއަތުން ލާޒިމްކުރާ ކަމެއް ކަމަަށެވެ. އަދި ފިރިހެން މީހާ ބުނަމުން އައީ އެއީ ތަބައްރުއު (ހަދިޔާ/ސަދަގާތް) އުސޫލުން ކޮށްދީފައިވާ ހުރި ކަންތައްތައް ކަމަށެވެ. ނަމަވެސް އެއީ އެފަދަ އުސޫލުން އަނބިމީހާ ދީފައިވާ އެއްޗެހި ކަމެއް ފިރިހެންމީހާއަށް ސާބިތު ކޮށްދެވިފައި ނުވެއެވެ.
ދެ ފަރާތުގެ ދެމެދުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތް ނަމަވެސް އަންހެން މީހާ ހަރަދު ކުރި ކަމާ މެދު ފިރިހެން މީހާ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ދެބަސްވެފައި ނެތްކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. އެއާއެކު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކުޑަހުވަދޫ ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކޮށް މައްސަލާގައި ހިމެނޭ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާ އަށް ލިބެން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރު މަހާޒްގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ތާއީދާ އެކު ކުރެއްވި ހުކުމުގައި ކުޑަހުވަދޫ ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ވަނީ ނިންމަވައިފަ އެވެ.