ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަތުމަށް ރިފްއަތު މަޖިލީހަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ޤަބޫލުކުރާތީ މަޖިލީހުގައި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް އެކަމުގައި އިސްތިޝާރީ ލަފައެއް ސުޕްރީމް ކޯޓުން ހޯދަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވާއިރު ބަންޑާރަނައިބު ވަނީ މައްސަލައިގައި ދެއްވާ ޖަވާބު ލިޔުމުން ހުށަހަޅުއްވާފައެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި އާންމު ކޮމިޓީން ކަންކުރާނެ ގޮތް ނިންމާފައި ވަނީ ބަންޑާރަނައިބު ހާޒިރުވާނެ ކަމަށް ބަލައިގެން ކަމަށް ވުމުން ލިޔުމުން ޖަވާބުދާރީވާ ހާލަތުގައި އަމަލުކުރާނޭ ގޮތެއް އާންމު ކޮމިޓީން ނިންމާފައެއް ނުވެއެވެ.

އެހެންވުމުން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލީހުގެ މިއަދު ޖަލްސާ މެދުކަނޑާލިއެވެ.

އެ މަޝްވަރާ ބައްދަލުވުން ތަކަށް ފަހު މަޖިލީހުގެ ޖަލްސާ އަލުން ފައްޓަވައި ނަޝީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީން ގަބޫލުކުރާ ގޮތުގައި ބަންޑާރަނައިބަށް ޖަވާބުދާރީ ވެވަޑައި ގެންނެވޭނީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވެ. އަދި ކުރިން ވަޒީރުން ވަކިކުރުމުގެ މައްސަލަތަކުގައި އަމަލު ކޮށްފައިވާ ގޮތްތައް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ކުރީގެ ހާރިޖީވަޒީރު ޑރ. އަހްމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި ކަމަށާއި، ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުންވެސް އަދި ހާޒިރުވެވަޑައިގެން ވެސް ޖަވާބުދާރީ ވެވަޑައިގެންފައި ނުވާ ކަމަށާއި، ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލު އަހްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ސޮއިކުރެއްވި ލިޔުމެއް މަޖިލީހަށް ފޮނުވާފައި ނެތްކަމަށާއި، އަދި ލިޔުމެއް މަޖިލީހުގައި އިއްވާފައިވެސް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގައި ބަންޑާރަނައިބަށާއި ވަޒީރުބޭފުޅުންނަށް ލިބިދީފައިވާ ހައްގަކީ ކިތާބީ ހެއްކާއެކު މަޖިލީހުގައި އަނގަބަހުން ޖަވާބުދާރީވުން ކަމަށް ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން ދެކެއެވެ.

އަޅުގަނޑުޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދުން. ގާނޫނު އަސާސީ އެކުލަވައިލިއިރު އޮތް ގޮތާއި މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމުން،
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވަނީ އިޖުރާތުތަކާ ހިލާފަށް ވަޒީރަކު ވަކިކުރަން މަސައްކަތް ކުރުމަކީ އެމަނިކުފާނު ރައީސްކަމުގައި އިންނަވައިގެން ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅީ މިމަހު 11 ވަނަ ދުވަހު، 13 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން ވަކިކުރި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ސޮޔާއެކުވެ.

ބަންޑާރަނައިބުގެ އިތުރުން، ރާއްޖެ މޮރިޝަސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަގަޅާ އަންނަ އަންގާރަ ދުވަހަށް ޝާހިދުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.