ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމަށް ނިންމާ އިންޓަނޭޝަލަން ކްރިމިނަލް ކޯޓު (އައިސީސީ) އިން ޕުޓިން ހައްޔަރު ކުރަން އަމުރު ނެރެފައި ވުމުން، ދެނުކު އެފްރިކާއިން ވިސްނަނީ އެގަުއމުގެ ގާނޫނު ބަދަލު ކުރާށެވެ.

ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނެރޭ އަމުރަކީ، އައިސީސީގެ މެންބަރު ގައުމުތަކުގެ މައްޗަށް ތަންފީޒު ކުރަން ލާޒިމު ކުރާ އަމުރުތަކެކެވެ. އެގޮތުން އެ ކޯޓުގެ އަމުރު 123 ގައުމެއްގައި ހިނގާ އިރު އެއިން އެއްވެސް ގައުމަކަށް ޕުޓިން ވަޑައިގެންފި ނަމަ، އެގައުމަކުން ޕުޓިން ހައްޔަރު ކުރަން ޖެހެއެވެ. ނުކޮށްފި ނަމަ އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ބެލޭނެއެވެ.

އަންނަ އޯގަސްޓް މަހު އެފްރިކާއަށް ވަޑައިގަތުމަށް ޕުޓިން އަށް ދައުވަތު ދީފައި ވާ އިރު، އެ ހުކުމާހެދި ދިމާވެދާނެ ހުރަސްތައް ނައްތާލުމަށް އެފްރިކާއިން ވިސްނަނީ އެގައުމުގެ ގާނޫނު ބަދަލު ކުރާށެވެ. އެގޮތުން ގެންނަން ގަސްދުކުރާ ބަދަލަކީ ގައުމެއްގެ ލީޑަރަކު ހައްޔަރު ކުރާނެތޯ ނޫންތޯ ނިންމުމުގެ ބާރު އެގައުމުގެ ސަރުކާރަށް އޮންނަ ގޮތަށެވެ.

އޮގަސްޓްގައި އޮންނަ ބްރިކްސް ގައުމުތަކުގެ ލީޑަރުންގެ ސަމިޓުގެ ދައުވަތު ޕުޓިން އަދި ގަބޫލެއް ނުކުރައްވައެވެ. ބްރިކްސް އަކީ، ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ބައިވެރިވާ ޖަމާއަތެކެވެ.

ގާނޫނަށް ގެންނަ ބަދަލު މި ފެށޭ ޖޫން މަހު މަޖިލީހަށް ވައްދާނެ ކަމަށް ވެސް ދެކުނު އެފްރިކާގެ އޮފިޝަލުން ވިދާޅުވެއެވެ. ވެރިކަން ކުރާ މައި ޕާޓީގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު ބޭނުންވާ އިސްލާހު ފާސްވާނެ ކަމަށް ބެލެވުނު ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިގެންފި ނަމަ ހައްޔަރު ކުރަން ކޯޓު އަރުމެއް ހޯދުމަށް ވެސް ތައްޔާރުވެފައެވެ.

އައިސީސީ އަކީ، ހަނގުރާމައިގެ ޖަރީމާތަށް ބަލާ ކޯޓަކަށް ވާ އިރު، އެކޯޓުން ޕުޓިން ހައްޔަރު ކުރަން އަމުރު ނެރުނީ އާންމުކޮށް އެކޯޓުގައި ޝަރީއަތްތަކަށް ނަގާ މުއްދަތަށް ބަލާ އިރު މާ ބޮޑަށް ވެސް އަވަހަށް ކަމަށް މުރާސިލުން ބުނެއެވެ.

އެ ކޯޓަކީ ރަޝިއާ އާއި އެމެރިކާއިން ގަބޫލު ކުރާ ކޯޓެއް ނޫނެވެ. އެ ދެގައުމުން އެ ކޯޓު ގަބޫލު ނުކުރަނީ އެ ދެގައުމުގެ ރައްޔިތުންނަށް ދެރައެއް ލިބިދާނެ ކަމަށް ބުނެއެވެ.