އެފްރިކާއަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވި ދުނިޔެ ބަލައިގަން ލީޑަރު ނެލްސަން މަންޑޭލާގެ ވެރިކަމަށް ފަހު ދަމަހައްޓަމުން އައި މެޖޯރިޓީ ވެރިކަން ކުރާ އޭއެންސީއަށް ފުރަތަމަ ފަހަރަށް ގެއްލިއްޖެއެވެ.

ދެކުނު އެފްރިކާގެ ތާރީހީ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީއަށް ލިބުނީ ގާތްގަނޑަކަށް 40 ޕަސެންޓެވެ. މިއާއެކު ކޯލިޝަން ސަރުކާރެއް އުފެއްދުމަށް އެ ޕާޓީއަށް މަޖުބޫރުވެފައި ވާ އިރު, އިދިކޮޅު ޑިމޮކްރެޓޔިކް އެލަޔަންސް (ޑީއޭ) އިން 21.63 ޕަސެންޓް އަދި ކުރީގެ ރައީސް އަދި އޭއެންސީގެ ލީޑަރު ޖޭކޮބް ޒޫމާ އުފެއްދެވި އެމްކޭ ޕާޓީއަށް 14.71 ޕަސެންޓް ވަލީ ލިބިފައެވެ.

ދެކުނު އެފްރިކާގައި އޮތް ފަގީރު ކަމާއި ތަފާތު ކުރުންތަކުގެ ބޮޑު ކަމާއެކުވެސް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އޭއެންސީން އެހެން ޕާޓީތަކުގެ މައްޗަށް ކުރިއެރުން ހޯދި ނަމަވެސް އިދިކޮޅުން ބުނެފައި ވަނީ ދެކުނު އެފްރިކާ ސަލާމަތް ކުރެވެން އޮތީ އޭއެންސީ ބަލިކޮށްގެން ކަމަށާއި އެކަން މި ވޯޓުގައި ހާސިލު ވެއްޖެ ކަމަށެވެ.

އެއްވެސް ޕާޓީ އަކައި ނުލައި ވެރިކަން ކުރަން ބޭނުންވާނަމަ ގާނޫނުތައް ބުނާގޮތުން މަދުވެގެން 50 ޕަސެންޓް ލިބެން ޖެހޭނެއެވެ. މިހާތަނަށް އައި އިރު 99 ޕަސެންޓް ވޯޓު ގުނާ ނިމިފައި ވުމުން އޭއެންސީއަށް ކޯލިޝަނެއް ހެދުން ނޫންގޮތެއް ނެތް ކަމަށް ދައްކައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ވޯޓުތައް މިގޮތަށް ބެހިފައި އޮތް ނަމަވެސް މިހާރުގެ ރައީސް ސައިރިލް ރަމަޕޯސާ އަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ކޯލިޝަނެއްގެ ތެރެއިން އަދިވެސް ލިބޭކަމަށް މުރާސިލުން ބުނެއެވެ.

ބައެއް ހަބަރުތައް ބުނާގޮތުން, ވެރިކަން ދެމެހެއްޓުމަށްޓަކައި ސައިރިލް މިހާރު ގެންދަވަނީ އެކިއެކި ފަރާތްތަކާ އެކު މަޝްވަރާތައް ބާއްވަވަމުންނެވެ. އެ މަޝްވަރާތަކުގެ އަލީގައި ކެބިނެޓުގެ އިތުރު މަގާމުތަކާއި އަދި މަޖިލީހުގެ ރައީސްކަން ފަދަ މުހިންމު ބައެއް މަގާމުތައް ކޯލިޝަން ޕާޓުނަރުންނަށް ދޭން ޖެހިދާނެ ކަމަށް ބުނެއެވެ.