އިޒްރޭލުން ގާޒާގައި ފަލަސްތީނު މީހުން މެރުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިމޭންވެފައި ތިބި ނަމަވެސް، ދެކުނު އެފްރިކާއިން ވަނީ އެ ހަމަލާތަކަށް އިތުރަށް ކެތް ނުކުރެވޭނެކަން ހާމަކޮށްފައެވެ.

އިޒްރޭލުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖަރީމާތަކާއި، އިންސާނިއްޔަތާއި ހިލާފު އަމަލުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުބާރު ގެއްލި، ދެކުނު އެފްރިކާއިން ވަނީ ފިޔަވަޅު އެޅުމަށް މަސައްކަތް ފަށާފައެވެ. އެ ޖަރީމާތަކުގެ ހެކިތައް ތަފްސީލުކޮށް 84 ސޮފްހާގެ ލިޔުމެއް އެ ގައުމުގެ އެންމެ އިސް ގާނޫނީ ފަރާތްތަކުން އެކުލަވައިލައި، 1948 ވަނަ އަހަރުގެ ޖެނޯސައިޑް މުއާހަދާއާ ހިލާފަށް އިޒްރޭލުން ޖަރީމާ ހިންގަމުންދާ ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާއިން ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިއީ ފަލަސްތީނުގައި އެ ޖަރީމާތައް ތަޖުރިބާ ކުރަމުން އަންނަ ފަރާތްތަކުގެ ކަންފަތަށް އިވުނު ހިތްގައިމު މިއުޒިކެއް ފަދައެވެ. އަރަބި ނުވަތަ މުސްލިމް އެހެން އެއްވެސް ގައުމަކަށް މި "ރަތް ރޮނގު" ހުރަސްކުރުމުގެ ހިތްވަރެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، މިއީ އިޒްރޭލުގެ އިސްތިއުމާރީ ޒަމާން ނިމުމަކަށް އައުމަށްފަހު، އެންލައިޓައިންމަންޓްގެ ޝިއާރުތަކުން އެގައުމަށް މަލާމާތްކޮށް، އެންމެ ރަނގަޅު ހަތިޔާރުން ހަތިޔާރު އެޅުމަށް އެގައުމުން ބާރުއެޅި އެއް މަޝްރޫއެވެ. އިޒްރޭލުގެ ޖަރީމާތައް ދުނިޔޭގެ ކޮންމެ ދައުލަތަކަށްވެސް އެނގޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނެއްކަމަކު، އިޒްރޭލުގެ އިސްތިއުމާރީ އެހީތެރިން، އެކަމުގެ ރައްދުގައި ކޮށްފާނެ ކަންކަމުގެ ބިރަށް، އެއްވެސް ދައުލަތަކަށް އެޖަމާއަތް ޖަވާބުދާރީ ކުރުވުމުގެ ހިތްވަރެއް ނެތެވެ.

ނަސީބަކުން، ދެކުނު އެފްރިކާއިން އެންމެ ފަހުން "ފުދިއްޖެ" ކަމަށް ބުނެ، އިޒްރޭލުން ހިންގާ ޖަރީމާތަކުގެ މައްސަލަ އދ.ގެ އެންމެ މަތީ ކޯޓަށް ވަނީ ގެންގޮސްފައެވެ. އަނިޔާވެރި ނަސްލީ ތަފާތުކުރުމުގެ ވެރިކަމެއް ބަލިކޮށް، އޭގެ ބަދަލުގައި މަލްޓިރޭޝަލް، ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރި އެ ގައުމުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ ހިމޭންކަމުގެ ސަބަބުން އިޒްރޭލުގެ ނުރައްކާތެރި އަނިޔާވެރި އަމަލުތަކަށް މަގު ފަހިވަމުންދާ ގޮތް ދެނެގަނެ އެކަން ހުއްޓުވުމަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ.

އައިސީޖޭގައި އިޒްރޭލުގެ މައްޗަށް ޖަރީމާހިންގުމުގެ ކުށުގެ ދައުވާ އުފުލުމަކީ، އިޒްރޭލުގެ ކުށްތައް ނިމުމަކަށް ގެނެސް، އަސްކަރީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޝަރުތުތަކެއް ގާއިމުކޮށް، ދުނިޔޭގެ މައިދާނުގައި އިޒްރޭލު އެކަހެރިކޮށްލާނެ ކަމެކެވެ. އަދި އެއަށްވުރެ ވެސް މުހިންމު ކަމަކީ ދެކުނު އެފްރިކާގެ މައްސަލައިގެ ސަބަބުން ވަގުތީ ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން ވަގުތުން ހަނގުރާމަ ހުއްޓާލުމާއި ގާޒާއަށް އެކަށީގެންވާ މިންވަރަށް އިންސާނީ އެހީ އެތެރެ ކުރުމެވެ. މި ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަން ޖެހެނީ ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު އެ ތަނުގައި ޝަހީދުވަމުން ދާތީއެވެ. މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ކުނިތަކުގެ ދަށުގައި ގެއްލިފައެވެ. މި ބިރުވެރި ކަމުގެ ޝިކާރައަކަށްވީ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އަޅުގަނޑަކީ ފަލަސްތީނާއި އަދި ދެކުނު އެފްރިކާ އަށް ނިސްބަތްވާ މީހެކެވެ. އަދި އިޒްރޭލުން ގާޒާގައި ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވި މީހެކެވެ. އިސްރާއީލުގެ ހަމަނުޖެހުންތައް އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާއިރު، ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއި އެކުވެރިންނާއި ދަރިވަރުންނާއި އަވަށްޓެރިން ގެއްލިއްޖެއެވެ.

ގާޒާގައި، 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް، އިޒްރޭލުން ދިން ފަސް ހަމަލާއެއް އަހަރެން ތަޖުރިބާ ކުރީމެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދު ވަށާލުމުގެ ހަމަލާވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވުނެވެ. މިހާރު ހިނގަމުންދާ ޖަރީމާގެ ފުރަތަމަ ހަފުތާގައި ވައިގެ ހަމަލާތަކުން އަހަރެންގެ މުޅި އަވަށް ވަނީ ފުނޑުފުނޑުވެފައެވެ. އަދި އޭގެ ފަހުން ގެދޮރު ގެއްލި، ހަތަރު ފަހަރެއްގެ މަތިން އެހެން ތަންތަނަށް ބަދަލުވާން ޖެހުނެވެ.

ފަލަސްތީނުގެ އެހެން މީހުންނެކޭ އެއްފަދައިން، ކޮންމެ މަރަކާ އެކުވެސް އަހަރެން ދިރިއުޅެމުން އައީ ހަމަ އަނދިރި މަންޒަރެއްގެ ތެރޭގައެވެ. ބައިނަލްއަގްވާމީ މުޖުތަމައު ފަސޭހަކަމާއެކު އެ އަމަލުތަކަށް ސަމާލުކަމެއް ނުދިނަސް، ރެއާއި ދުވާލު އަހަރެމެން ދިޔައީ އެ ނާތަހުޒީބު ލަޝްކަރާ ކުރިމަތިލަމުންނެވެ. އެފް-16، އަޕާޗޭ ހެލިކޮޕްޓަރު، ނޭވަލް ގަންޝިޕް އަދި ފޮސްފަރަސް ބޮން ބޭނުންކޮށްގެން އިޒްރޭލުން ދިޔައީ ގަތުލު އާންމު ހިންގަމުންނެވެ. އަދި އަހަރެމެން ދިރިއުޅެމުން ދިޔަ މި ނުރައްކާތެރި ހާލަތު އެތައް ފަހަރަކު ތަކުރާރުވަމުން ދިޔަ އިރުވެސް، އެއްވެސް ހިސާބެއްގައި، މި ދުނިޔޭގެ ބައިޑެން، ސުނަކް، މެކްރޯންސް، އަދި ދުނިޔޭގެ ބޮޑެތި ލީޑަރުންގެ ފަރާތުން ހަމްދަރުދީގެ އެންމެ ބަހެއްވެސް އަދި ތާއީދެއް ވެސް އަހަރެމެންނަކަށް ލިބިފައެއް ނުވެއެވެ.

މި ހުރިހާ ޖަރީމާތަކަކުން ވެސް، ހުދުމުހުތާރު، "ލިބަރަލް" ހުޅަނގުގެ ފާޅުކަން ބޮޑު ތާއީދެއް އިޒްރޭލަށް އޮތްކަން ހާމަވެގެން ދިޔައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްވެސް ހުއްދައެއް ނުވަތަ ހުރަހެއް ނެތި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގޭނެކަން އިޒްރޭލަށް ދައްކައިދިނެވެ. 2008، 2012، 2014 އަދި 2021 ގައި ވެސް އިޒްރޭލުން ހިންގި ޖަރީމާތައް ކުށްވެރިކޮށްފައެއް ނުވެއެވެ. އެހެންވީމަ މިހާރު އެކަން ތަފާތުވާންވީ ކީއްވެ ހެއްޔެވެ؟ ގާޒާގައި ތިބި ފަލަސްތީނު މީހުން "ނައްތާލުމުގެ" ވިސްނުމާ މެދު އިޒްރޭލުގެ ލީޑަރުން ފާއިތުވި މަސްތަކުގައި އެހާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިން ލޮޖިކަކީ މިއީ އެވެ.

ހަގީގަތުގައި، މި އެންމެ ފަހުގެ ހަމަލާތައް ފެށުނީއްސުރެ، އިޒްރޭލުގެ ރައީސާއި ބޮޑުވަޒީރާއި، ސަރުކާރުތަކުގެ އިސް ބޭފުޅުންނާއި، މީޑިއާތަކާއި، މަދަނީ ޖަމިއްޔާތަކުން ވެސް ވަނީ، ފަލަސްތީނުގައި ގަސްދުގައި މީހުން މެރުމުގެ ވިސްނުމަށް ވަރަށް ފާޅުކޮށް ތާއީދުކޮށްފައެވެ. ގާޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުމަކީ "އޮޕްޝަނެއް" ކަމަށް މީގެ ކުރިން ބުނެފައިވާ އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރު އަމިޗާއީ އެލިޔާހޫ ވަނީ ފަލަސްތީނު މީހުން ފަލަސްތީނު ދޫކޮށް ދާން މަޖުބޫރުކުރުމަށް "މަރުވުމަށް ވުރެ ވޭންދެނިވި" ގޮތްތައް ހޯދުމަށް އިޒްރޭލުގެ ކިބައިން އެދިފައެވެ.

އިޒްރޭލުން ގާޒާގައި ޖަރީމާތައް ހިންގުމުގެ ވިސްނުން މިއަދު ކުރިއަށްވުރެ މާ ބޮޑަށް ސާފުވި ނަމަވެސް އެއީ އެއްވެސް ގޮތަކުން އާ ކަމެއް ނޫނެވެ. 2004 ވަނަ އަހަރު އިޒްރޭލުގެ އޮފެންސިވް ފޯސަސްގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވެރިޔާ އަދި އޭރުގެ ބޮޑުވަޒީރު އެރިއެލް ޝެރޮންގެ އެޑްވައިޒަރެއް ކަމަށްވާ އާނޮން ސޮފަ ވަނީ އިޒްރޭލުގެ ނޫހެއް ކަމަށްވާ ގުދުސް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އިޒްރޭލުން ފަލަސްތީނު ހިފުމުގެ އެދެވޭ ނަތީޖާތައް ބަޔާންކޮށްފައެވެ. "ބަންދުކޮށްފައިވާ ގާޒާގައި 1.5 މިލިއަން މީހުން ދިރިއުޅޭއިރު، އެއީ އިންސާނީ ކާރިސާއަކަށް ވާނެ. މިއަދަށް ވުރެ ބޮޑު ޖަނަވާރުންނަށް އެމީހުން މާދަމާ ވާނެ. ބޯޑަރުގައި އޮތް ޕްރެޝަރު ވަރަށް ބޮޑުވާނެ. އެއީ ވަރަށް ނުރައްކާތެރި ހަނގުރާމައަކަށް ވާނެ. އެހެންވީމާ، އަހަރެމެން ދިރިތިބެން ބޭނުންނަމަ، އަހަރެމެން ޖެހޭނީ ހަމަ އެމީހުން މަރަން. ނުމަރާނަމަ އަހަރެމެންގެ ދުވަސް ދާނެ. އެއްފަރާތަކުން ވަކިވުމަކީ "ސުލްހަ" ކަށަވަރުކޮށްދޭ ކަމެއް ނޫން. އެއީ ޔަހޫދީންގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ޒަޔަނިސްޓް-ޔަހޫދީ ދައުލަތެއްގެ ޔަގީންކަން ދޭ ކަމެއް."

އިޒްރޭލުގެ ވިސްނުން ހުރީ ފަލަސްތީނުގެ މީހުން މެރުން ކަމަށް ސޮފަ ހާމަކުރިތާ 20 އަހަރު ފަހުން، ގާޒާގައި ހަގީގަތުގައި ވެސް މީހުން ދަނީ ޝަހީދުވަމުންނެވެ. ދުނިޔޭގެ ގައުމުތަކުގެ ލޮލުގެ ކުރިމަތީގައި މީހުން މެރުމާއި، ނިކަމެތިކޮށް، ބަނޑުހައިހޫނުކަން ކުރިމަތިކުރުވާ، ގެދޮރު ގެއްލުވާލަމުންދާއިރު، މިއީ ތާރީހުގައި ވެސް ދުނިޔޭގެ ފެންވަރުގައި ބެލި ފުރަތަމަ ޖަރީމާއެވެ.

މި ހަމަލާތަކަށް ފުރުސަތުދީ، އެކަމަށް މަގުފަހިކޮށްދިން ބައިނަލްއަގްވާމީ މުޖުތަމައުގެ ބަލިކަށި ފިނޑިކަން އަހަރެމެން ފަލަސްތީނުގެ ރައްޔިތުން ހަނދާން ނައްތައެއް ނުލާނަމެވެ. އަދި ދެކުނު އެފްރިކާއިން އަހަރެމެންގެ ދިފާއުގައި ތެދުވި ތެދުވުންވެސް އަހަރެމެން ހަނދާނެއް ނުތެނޭއެވެ. އަހަރެމެންގެ އަމިއްލަ އަހުންވެސް ބިރުން އަހަރެމެންނަށް ފުރަގަސްދީފައި ވަނިކޮށް، ދުނިޔޭގެ ކޯޓުގައި، އަހަރެމެންނަށްޓަކައި ހިތްވަރާއެކު ތެދުވި ގޮތް، އަހަރެމެން ހަނދާން ނައްތައެއް ނުލާނަމެވެ. އަހަރެމެންގެ ޖިހާދާއި، އަހަރެމެންގެ އެންމެ އަސާސީ އިންސާނީ ހައްގުތައް، ދުނިޔޭގެ އަދުލުއިންސާފާއި ގުޅުވައި، ބައިނަލްއަގްވާމީ މުޖުތަމައަށް އަހަރެމެންގެ އިންސާނިއްޔަތުކަން ހަނދާންކޮށްދިން ގޮތް އަހަރެމެން އަބަދުވެސް ހަނދާން ކުރާނަމެވެ.

ހައްގު ކަންކަމަށްޓަކައި ހިތްވަރުގަދަ ކަމާއެކު ތެދުވެ، އިޒްރޭލު އައިސީޖޭގެ ދަށަށް ގެންގޮސްގެން، ދެކުނު އެފްރިކާއިން އަހަރެމެންނަށް ދައްކައިދިނީ މިނުން ހާލަތެއް ގާޒާއަށް ގެނެވިދާނެކަމެވެ.

ޝުކުރިއްޔާ ދެކުނު އެފްރިކާ!