ރ.ފުއްގިރި މައްސަލާގައި އުފުލާފައިވާ ދައުވާގައި ހުށަހަޅާފައިވާ ބޭންކު ސްޓޭޓުމެންޓުތައް ހޯދާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

އެ މައްސަލާގައި ކޯޓު އަމުރެއް ނެތި ބޭންކް ސްޓޭޓްމަންތައް ހޯދާފައިވާތީ އެ ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅަން ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.

އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ކޯޓު އަމުރެއް ނެތި ފުލުހުން ބޭނުންވާ ގޮތަށް އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އޭގެ ސަބަބުން އެތައް ޒާތީ ދިރިއުޅުމުގެ ހައްގަށް ހުރަސް އެޅި އެތައް ބަޔަކަށް ގެއްލުން ކުރިމަތިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ބޭންކިން މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި ބޭންކުން މައުލޫމާތެއް ހޯދާނަމަ އެމައުލޫމާތެއް ހޯދޭނެގޮތް ވެސް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ދައުލަތުން މިކަމުގައި އަމަލުކޮށްފައިވާގޮތުން ފެނިގެންދަނީ ސީދާ އެމަނިކުފާނު ފަލީހަތް ކޮށްލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް ކުރިން ތުހުމަތުކުރި ގއ. ވޮޑަމުލާގެ މައްސަލާގައި ފުލުހުން ސުވާލު ކުރިއިރު 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ އެ މަނިކުފާނުގެ ބޭންކް ސްޓޭޓްމަންޓް ވެސް ފުލުހުން ހޯދާފައި ހުރި ކަމަށެވެ. ނަމަވެސް ވޮޑަމުލާގެ މައްސަލައަކީ އޭގެ މާ ފަހުން 2015 ވަނަ އަހަރު ހިނގި ކަމަށް ބުނާ ކަންތައްތަކެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެހާ ކުރީގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ކޮން ނިޔަތެއްގައި ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަތަކާއި ގުޅިގެން ދައުލަތުން ބުނީ، ހެކިތައް ބޭންކު ތެރެއިން ހޯދާފައިވަނީ ބޭންކިން ގާނޫނުގެ ތެރެއިން ކަމަށެވެ. އެގޮތުން ގާނޫނުގައި ބޭންކުން ހެކި ހޯދާނެ ތިން ހާލަތެއް ވާ ކަމަށާއި އޭގެ ތެރޭގައި ކޯޓު ޢަމުރެއް ހޯދައިގެން ނުވަތަ ޕީޖީގެ ލިޔުމުން އެދިގެން ނޫނީ ތަހުގީގު އިދާރާއަކުން ލިޔުމުން އެދިގެން ނޫނީ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު ނުދެވޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.