ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ކުރަމުން ދާ ހަނަގުރާމަ އަށް ސުލްހަވެރި ހައްލެއް ގެނައުމަށްޓަކައި ދެގައުމު ގުޅޭ ބޯޑަރަކީ އަސްކަރީ އެއްވެސް ހަރަކާތެއް ނުހިނގާ ތަނަކަށް ހެދުމުގެ ހިޔާލު ޔޫކްރައިން އިން ފާޅުކޮށްފިއެވެ.
ޔޫކްރައިން ރައީސް ވްލަޑިމިއާ ޒެލެންސްކީ އޮފީހުގެ އެޑްވައިޒަރު މައިކައިލޯ ޕޮޑޮލިޔަކް ވިދާޅުވީ، ދެފަރާތުގެ ދެމެދުގައި ސުލްހަ ޣާއިމު ކުރުމަށް އެކި ގައުމުތަކުން ހުށަހަޅާފައި ވާ ޕްލޭންތަކަކީ މިވަގުތަށް ކުރިއަށްދާނެ ކަމަށް ނުފެންނަ ޕްލޭންތަކެއް ކަމަށާއި ސުހްލައެއް ގާއިމު ކުރާނަމަ ކުރަންވީ ކަމަކީ ދެގައުމު ގުޅޭ އިން ސާފުކުރުން ކަމަށެވެ. އެގޮތުން އިމުން ދެފަރާތަށް ލައްވާ ގޮތަށް 100-120 ކިލޯމީޓަރުގެ ފުޅާމިނުގެ ސަރަހައްދަކީ އަސްކަރީ އެއްވެސް ހަރަކާތެއް ނުހިނގާ ތަނެއް ކަމުގައި ކަނޑައެޅުން މުހިންމެވެ. އަދި މިވަގުތަށް އެސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ބައިނަލްއަގުވާނީ ފައުޖަކުން ހަރަކާތްތެރި ވެވިދާނެ ކަަމަށް ވެސް އޭނާ ހިޔާލުފާޅު ކުރެއްވިއެވެ.
އެ ޑިމިލިޓަރައިޒްޑް ޒޯން ކަނޑައަޅާ އިރު، ރަޝިއާގެ ބެލްގޮރޮޑް، ބްރިޔާންސްކް، ކާސްކް އަދި ރޮސްޓޯވް ހިމެނެން ޖެހޭނެ ކަމަށާއި ޔޫކްރައިންގެ ކާކީވް އާއި ޗެރްނިހީވް، ސުމީ، ޒެޕްރޯޒިއާ، ލުހާންސްކް އަދި ޑޮނެސްކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އެގޮތަށް ކަމަށް ވެސް އޭނާ ވިދާލުވެއެވެ. އަދި އެފަދަ ސަރަހައްދެއް ނުވަތަ ޒޯނެއް ކަނޑައެޅުމުގެ ބޭނުމަކީ ދެފަރާތުން ކުރެ ފަރާތަކުން އަސްކަރީ އެއްވެސް ހަރަކާތެއް އެސަރަހައްދުގައި ހިންގިޔަ ނުދިނުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ޑިމިލިޓަރައިޒްގެ ޒޯނެއްގެ ވާހަކަ އޭނާ ފާހަގަ ކުރެއްވި އިރު އިންޓަނޭޝަނަލް ރެޑްކްރޮސް އިން ބުނެފައި ވަނީ އެފަދަ ޕްލޭނެއްގެ ތަފްސީލީ މައުލޫމާތުތަކާއި ޗާޓުތައް އަދި އުސޫލުތައް ކަނޑައެޅިފައި ހުންނަ ކަމަށާއި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ދެފަރަހާތަށް ވެސް ހަމަހަމަ ވާގޮތަށް ލިބެން ހުންނަ ބައެއް އަސާސީ ހިދުމަތްތައް ވެސް ހުންނަ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކާއި އެނޫންވެސް ދެފަރާތަށް ބޭނުންވާ ހިދުމަތްތައް އެއް ހަމައެއްގައި ލިބޭނެގޮތް ހުންނަ ކަމަށެވެ.
ޑިމިލިޓަރައިޒްގެ ޒޯނެއްގެ ވާހަކަ ދެކެވޭ އިރު، ޔޫކްރައިންގެ ރައީސްގެ މުޝީރަކު ވިދާޅުވެފައި ވަނީ ރަޝިއާއިން ހިފާފައި ވާ ބިންތައް ދޫކޮށްލައި ގާއިމު ކުރެވޭނެ ސުލްހައެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ސުލްހައިގެ އެކި ޕްލޭންތައް އެކި ގައުމުތަކުން ހުށަހަޅައިފި ކަމަށާއި އެ ޕްލޭންތަކަށް ދިއުމުގައިވެސް ދަތިތައް ހުރީ އެ މައްސަލަ ހައްލު ވާން ނެތިގެން ކަމަށެވެ. ޗައިނާއާއި ބްރެޒިލް، އިޓަލީގެ ވެޓިކަން އަދި ދެކުނު އެފްރިކާއިން ވެސް ވަނީ ސުލްހައިގެ ޕްލޭން ހުށަހަޅާފައެވެ. އެ ޕްލޭންތަކާ ގުޅޭ މަޝްވަރާތަށް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ، ރަޝިއާއިން ހިފި ބިންތައް ދޫކުރަން ދެކޮޅު ހެދުމާއި، އެބިންތައް ދޫނުކުރާނަމަ ސުލްހަ ނުވާނެ ކަމަށް ޔޫކްރައިން އިން ބުނަމުން ގެންދާތީއެވެ.
ރަޝިއާ އާއި ޔޫކްރައިން ހަނގުރާމަ 16 މަހަށް ދެމިގެން ގޮސްފައި ވާ އިރު، ދެފަރާތުގެ ކުރިމަތިލުންތައް ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަ ކުރަމުންނެވެ. މިއަދު ހަބަރުތައް ބުނާގޮތުން، ރަޝިއާގެ ވެރިރަށުގެ އިމާރާތަކަށް ޑްރޯން ހަމަލާއެއް ވަނީ ދީފައެވެ. މާބޮޑު ގެއްލުންތަކެއް ނުލިބުނު ނަމަވެސް ބައެއް ކުޑަދޮރުތައް ތަޅައިގެން ދިޔަ ކަމަށް ބުނެއެވެ. ހަމަ އެގޮތަށް ރަޝިއާއިން ވަނީ ރޭވެސް ކީވް އަށް ހަމަލާ ދީފައެވެ. މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ދޭ ހަމަލާތަކުގައި ކީވްގެ އެކި ތަންތަނަށް ގެއްލުންވެ ހަލާކުވަމުން ދެއެވެ. މި ހަމަލާތަކުގައި މީހަކު މަރު ނުވިނަމަވެސް މަދު އަދަދެއްގެ ބަޔަކު ޒަހަމްވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.