ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރާ އެއްގޮތަށް އުފައްދާ އާ ޕާޓީ "ދަ ޑިމޮކްރަޓްސް" އަށް ސޮއި ކުރަމުންދާ މެންބަރުން ވަޒީފާއިން ވަކި ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިނޑި ކަމުން ކަމަށް ޑިމޮކްރަޓްސް ޕާޓީން ބުނެފިއެވެ.

ޑިމޮކްރަޓްސް އިން މިގޮތަށް ބުނެފައި ވަނީ، އާ ޕާޓީ އުފެއްދުމަށް ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ސޮއި ކުރުމާއެކު ވަޒީފާއިން ވަކި ކުރަމުން ދިއުމާ ގުޅިގެން ޑިމޮކްރަޓްސް އިން ނެރުނު ނޫސްބަޔާނެއް ގައެވެ. ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ވާ ގޮތުން ވަޒީފާއިން ވަކިކުރަމުން ދަނީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަދަދު ނުކުރެވޭހާ ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުން ކަމަށެވެ.

އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލް ފަރާތްތަކަށް ސަރުކާރުގައި ހިދުމަތް ކުރުމުގެ ފުރުސަތު ގެއްލުވާލުމަކީ ގައުމުގެ މުސްތަގްބަލަށް އެޅޭ ހިޔަންޏެއް ކަމަށްވެސް އެބަޔާނުގައި ވެއެވެ. މީގެ އިތުރުންވެސް ރިޔާސީ އިންތިހާބުގައި ސަރުކާރުގެ މައި ކޯލިޝަންގެ އެއްވެސް ޕާޓްނަރެއްގެ ތާއީދު ނެތް ކަން ފާހަގަކޮށް އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ނުކުންނެވި ނަމަވެސް އެ ޕާޓީތަކުގައި ތިބި އެއްވެސް މެންބަރަކަށް އިންޒާރުދީ މަގާމުން ވަކިކޮށްފައި ނުވާ ކަމަށެވެ.

އަދި މިއީ ޑިމޮކްރަޓްސް އަަށް އޮތް ތާއީދު ފެނި އެ ޕާޓީއަށް ފާޅުގައި ތާއީދު ކުރުން ހުއްޓުވުމުގެ ނިޔަތުގައި ހިންގަމުންދާ އަމަލެއް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި އެއީ މިސަރުކާރުގެ އަނިޔާވެރި ކަމާއި ތަފާތުކުރުން އިންތިހާއަށް ދައްކުވާދޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީއަށް ސޮއިކުރާ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަޒީފާތަކުން ވަކި ކުރުމަށް އިއްޔެ ވަނީ ނިންމާފައެވެ. އެގޮތުން މިހާތަނަށް އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ އާޝިޔަތު އަލައިކާ އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ.

މިތިން ފަރާތަަށް ވެސް މަގާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީގައި ބުނީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން އެބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އާ ޕާޓީ ރަޖިސްޓްރީކޮށް 3000 މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާއިރު ދާދި ފަހުން ވަނީ ނަޝީދުގެ މަންމަ އާއި ބައްޕަ ވެސް އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައި އެ ޕާޓީގެ ރައީސްގެ މަގާމުގައެވެ. އާ ޕާޓީ އާ ނަޝީދު ގުޅިވަޑައިގަންނަވާނެ ދުވަހަކާ މެދު ނޫސްވެރިން މީގެ ކުރިން ސުވާލުކުރުމުން، ނަޝީދުގެ އަރިސް މެންބަރުން ވަނީ އެކަން އެނގިވަޑައިގަންނަވާނީ ސީދާ ނަޝީދަށް ކަމަށް ވިދާޅުވެ، ޖަވާބެއް ދެއްވަން އުޒުރުވެވަޑައިގެންފައެވެ.