ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އުފައްދަވާ އާ ޕާޓީ ހެދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅައިފިއެވެ.
ނަޝީދު އުފައްދަވާ ޕާޓީއަށް ކިޔަނީ 'ދަ ޑިމޮކްރެޓްސް' އެވެ.
ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީގެ ތެރެއިން އުފަން ކުރި 'ފިކުރެއްގެ ދިރުން' ފެކްޝަނުން ދާދި ދެންމެ އިލެކްޝަނަށް ފޯމް ހުށަހެޅި އިރު އެ ފިކުރުގައި އިސްކޮށް މަސައްކަތް ކުރާ އާރުކާޓީގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
އެ ފެކްޝަނުގެ ފަރާތުން އިލެކްޝަނަށް ފޯމު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އީސީގެ ފަރާތުން ފޯމާ ހަވާލުވެ ވަޑައިގަތީ އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ.
ނަޝިދު އިސްކޮށް ހުންނަވައި އެމްޑީޕީގެ ތެރެއިން އުފަން ކުރި ފިކުރު ޕާޓީން ވަކިވެ އާ ޕާޓީ އުފައްދަން ފޯމް ހުށަހެޅި އިރު ނަޝީދު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
އެމަނިކުފާނަކީ އަދިވެސް އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވުމާއި، މިއަދު ހަވީރު ހއ. ދިއްދޫގައި އޮންނަ ރަސްމިއްޔާތަކަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް އަލަށް އުފަން ކުރާ ޕާޓީއަކީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އުފައްދާ ޕާޓީއެވެ.
ފެބްރުއަރީ 7، 2012 ގައި ނަޝީދުވެ ވެރިކަން ނިމުމާއެކު، ދެން އުފެދިގެން އައި ސަރުކާރުތަކުގެ ރިޔާސީ ޓިކެޓް ނަޝީދަށް ލިބިވަޑައިގެންފައެއް ނުވެއެވެ. 2012 ގެ ދައުރުގެ ބާކީ، އޭރުގެ ނައިބުރައީސް ޑރ. މުހައްމަދު ވަަހީދު ހަސަންމަނިކު ފުރުއްވުމަށް ފަހު ޖެހިގެން އައި 2014 ގެ ވެރިކަން ހޯއްދެވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. ޔާމީންގެ ދައުރަށް ފަހު 2018 ގައި އެމްޑީޕީއަށް ލިބުނު ެރިކަމުގެ ރިޔާސީ ޓިކެޓް ހޯއްދެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއެވެ. އެހާ ހިސާބުން ފެށިގެން، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ، ރާއްޖޭގައި ވެރިކަން ކުރާ ރިޔާސީ ނިޒާމު، ބަރުލަމާނީ ކޮށްލުމަށެވެ. އެކަންވެސް ކާމިޔާބުވެ ވަޑައި ނުގަތުމުން، އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ވީ ބައްޔެވެ. އެ ޕްރައިމަރީން އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު 24،566 ޔަގީން ކުރައްވިއެވެ. ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަ ކުރުމުގެ ހުރިހާ ފުރުސަތެއްހެން ރައީސް ނަޝީދަށް ބަންދުވެފައި ވާ ވަގުތެއްގައި މިއަދު ހުށަހެޅި ޕާޓީ އަކީ އެމަނިކުފާނު ވެރިކަމަށް ނިކުމެވަޑައިގަތުމަށް އުފަން ކުރާ ޕާޓީއެކެވެ.
އާ ޕާޓީގައި، އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި 13 މެންބަރަކާއި އެސްތީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރުއާއި އެލްޖީއޭގެ ސީއީއޯއަކަށް ކުރިން ހުންނެވި އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފާއި، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި، މާލެ އާއި އަތޮޅު ތެރޭގައި ތިބި ނަޝީދަށް ތާއީދު ކުރާ އެ ޕާޓީގެ މެންބަރުން ހިމެނެއެވެ.
ރައީސް ނަޝީދު ފިކުރެއްގެ ދިރުން އުފައްދަވައިގެން، ވަކިން ވެރިކަމަށް ނިކުމެވަޑައިގަތުމުގެ ހިލާޔާއެކު މަސައްކަތް ކުރެއްވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު ކޯލިޝަނެއް ހައްދަވައިގެން ގާސިމްއަށް ތާއީދު ކުރައްވައިގެން ކުރިއަށް ވަޑައިގަތުމަށް ވެސް މަސައްކަތް ކުރެއްވިއެވެ. ގިނަ މަޝްވަރާތަކެއް ކުރައްވައިގެން ނަޝީދުގެ ހުރިހާ ހުށަހެޅުއްވުމަކަށް ގާސިމް އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.
'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން، ނަޝީދުގެ މައިގަނޑު ހުށަހެޅުއްވުމުގައި އޮތީ، ގާސިމަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް ހުވާ ކުރެއްވުމުގެ ކުރިން ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށްް ދިޔުމާއި، ގާއިސްގެ ސަރުކާރެއްގައި ފިކުރެއްގެ ދިރުމަށް 50 ޕަސެންޓް ދިނުމަށެވެ. ނަމަވެސް ފިކުރެއްގެ ދިރުމުގެ ފެކްޝަންގައި 5000 މެންބަރުންވެސް ހަމަ ނުވާކަން ގާސިމަށް އެނގިވަޑައިގެންފައި ވުމާއި ނިޒާމު ބަދަލު ކުރުމުގައި ގާސިމުގެ ހިޔާލު ތަފާތުވުމުން އާ ޕާޓީއެއް ވުޖޫދު ކުރައްވަން ނަޝީދު ނިންމަވައި އެމަގަށް މަސައްކަތް ފެއްޓެވީއެވެ.
މިއަދު އިލެކްޝަނަށް ފޯމް ހުށަހެޅުމާއެކު އާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދޭނެ ކަމަށް ބެލެވެއެވެ. ދެން އޮންނާނީ ޕާޓީ އުފެއްދުމަށްޓަކައި 3000 މެންބަރުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމެވެ.
ތި ނަމާއި އަމަލާއި ދިމާނުވޭ ތި ނަން އިސްލާކުރުން ރަގަޅު