ކުއްލިގޮތަކަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ޑިމޮކްރެޓްސް އިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލުކުރުމަށް ކުއްލިގޮތަކަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ސަރުކާރުން އެ ކޯޓަށާއި ޖުޑިޝަރީއަށް ނުފޫޒުފޯރުވުމުގެ އަމަލެއްކަމަށެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި އިސްލާހު ހުށަހެޅުއްވި ސަބަބުގައި މި އިސްލާހު ހުށަހެޅުއްވީ އޭނާ އަމިއްލައަށް ކަމަށް ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
މިއާއެކު ޑިމޮކްރެޓްސް އިން ބުނީ ސުޕްރީމް ކޯޓް ބަދަލުކުރާނެ ކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް މީގެ ކުރިން ކުރަމުން އައި ނަމަވެސް، ސަރުކާރުން އެކަމަށް އިންކާރު ކުރުމަށް ފަހު، ކުއްލި ގޮތަކަށް ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމުން، އެއީ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ.
އެ ޕާޓީ އިން އިތުރަށް ބުނީ މިކަން ސަރުކާރުން ކުރުމަށް ނިންމި ވަގުތާ، ގާނޫނުއަސާސީއަށް ގެނައި އިސްލާހްގެ މައްސަލަ އެ ކޯޓްގައި ބަލަމުންދާ ވަގުތާ ދިމާވާކަމަށެވެ.
މީގެއިތުރުން ޑިމޮކްރެޓްސް އިން ބުނީ ދައުލަތުގެ އެއްވެސް ބާރަކުން އަނެއް ބާރަށް އަރައިނުގަނެ، ނާޖާއިޒު ނުފޫޒު ނުފޯރުވާ، ދައުލަތް އޮމާންކަމާ އެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގަން ޖާޖަ ދީގެން ނޫނީ ރާއްޖޭގެ ރައްޔިތުންނާއި ޑިމޮކްރެސީއަށް ފައިދާ ނުކުރާނެ ކަމަށެވެ. އެހެންކަމުން އެ ޕާޓީ އިން ވަނީ ސުޕްރީމް ކޯޓު ކުޑަކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލަން ގޮވާލާފައެވެ.