ސިޔާސީ ފަރާތްތަކުގެ އާއިލާއާއި ޒާތީ ކަންކަމާ ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އާއިލާއާއި ޒާތީކަންކަމާ ބެހުން އަދި ވެސް އިސްކުރަމުން ގެންދާ ގެންދިއުމުގެ ސަގާފަތެއް ފެންނަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ސިޔާސީ މައިދާނުގައި ހިޔާލުފާޅުކުރުމާއި ފާޑުކިޔުމަކީ އެންމެ އެދިވިގެންވާ އަދި ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމަށް މުހިއްމުކަމެއްކަން ޑިމޮކްރެޓްސްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ސިޔާސީ ފަރާތްތަކުގެ އާއިލާގެ އެހެން މީހުންނަށާއި ހާއްސަކޮށް ޅަ ދަރީންނަށް ގޯނާކޮށް ފުރައްސާރަކުރުމަކީ ތަސައްވަރުފުދިފައިވާ ސިޔާސީ ވެއްޓެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްއިން ބުނީ އެފަފަ އަމަލުތައް ހިންގުމުން އަނެއްކާ އަލުން އެ ރައްދުވާ ފަރާތަކުން ވެސް ހަމަ އެގޮތަށް އަމަލުކުރުމަކީ ނިމުމެއް ނާންނާނެ ފިތުނައިގެ ހުޅުގަނޑަކަށް މުޖުތަމައު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ހައްގެއް ވެސް ނޫން ކަމަށް ޑިމޮކްރެޓްސްއިން ބުނެފައިވެއެވެ.

މި ކަންކަމަށް ރަނގަޅު ހައްލެއްލިބި، ހަމަޖެހުންގާއިމުވާން އޮތީ އާއިލާ އާއި ޒާތީކަންކަން އެއްފަރާތްކޮށް ހަމައެކަނި ސިޔާސީ ކަންކަމަށް ނުވަތަ ސިޔާސީ މީހުން ގެންގުޅޭ ސިޔާސަތުތަކަށް އަމާޒުކޮށް ފާޑުކިޔަން ދަސްވުމުން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްއިން އިތުރަށް ބުނީ މުޖުތަމައުގައި އިތުރަށް ހުޅުގަނޑު ފަޅައިގެންގޮސް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަކުން މިކަމަށް ސަމާލުކަން ދިނުން މުހިއްމުކަމުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ މާލީ އަދި އިގުތިސާދީ ކަންކަމާއި އަދި އެނޫންވެސް ކަންކަމާގުޅޭ ބޮޑެތި މައްސަލަތައް ހުރިއިރު، މިވަގުތަކީ މިފަދަ މައްސަލަތަކާ މެދު އެންމެންވެސް ވާހަކަދައްކާ ހައްލުހޯދުން އަމާޒަކަށް ހަދަން ނުހަނު ބޭނުންތެރި ވަގުތެއްކަން ޑިމޮކްރެޓްސްއިން ފާހަގަކޮށްފައިވެއެވެ.