އެމޭޒަން ޖަންގަލީގެ ސަރަހައްދަކުން ކޮލަމްބިއާގެ ސޭން ޖޯސް ޑެލް ގުއަވިއާރޭ އަށް ދަތުރު ކުރަނިކޮށް ޖަންގަލީގެ ތެރެއަށް ވެއްޓުނު ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 4 ކުޑަކުދިން ދިރިތިއްބާ ފެނިއްޖެއެވެ.

11 މަހުގެ ތުއްތު ކުއްޖަކާއި، 13 އަހަރުގެ ކުއްޖެއްގެ އިތުރުން 9 އަހަރުގެ ކުއްޖަކާއި 4 އަހަރުގެ ކުއްޖަކު ދިރި ތިއްބާ ފެނުނީ، ކޮލަމްބިއާގެ ސިފައިންގެ ބުރަ މަސައްކަތުންނެވެ.

ޕައިލެޓާއި އެކުދިންގެ މަންމަ އަދި އިތުރު މީހަކު ދަތުރު ކުރި އެ ބޯޓު ވެއްޓުނު ހާދިސާގައި އެ ކުދިންގެ މަންމައާއި އަނެއް ދެމީހުން ވަނީ މަރުވެފައެވެ.

ކޮލަމްބިއާގެ އިދާރާތަކުން ބުނާ ގޮތުގައި، މެއި 1 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ދިރި ތިބި ބަޔަކު ހޯދުމަށް 100 އަށް ވުރެ ގިނަ ސިފައިންނާއި ވަސް ބެލުމަށް ހާއްސަ ކުއްތާ އާއި 3 ހެލިކޮޕްޓަރު ވަނީ ބޭނުން ކޮށްފައެވެ. އުސް ދިގު ގަސްތަކާއި ބޯ ޖަންގަލީގައި ސާޗް އޮޕަރޭޝަން ހިންގަމުން ދިޔަ އިރު، ދިރިހުރި މީހަކު ފެނިދާނެ ކަމުގެ އުއްމީދު އޮފިޝަލުން އެތައް ފަހަރަކު ކަނޑާލިއެވެ. ނަމަވެސް ބޯޓު ވެއްޓުނު ސަރަހައްދާ ތަންކޮޅެއް ދުރުން ކުޑަކުއްޖެއްގެ ބުއްފުޅިއެއް ފެނުމާއެކު އިތުރު ހިއްވަރެއްލައި މަސައްކަތް ފުޅާ ކުރިއެވެ. އެއާއެކު އެކުދިން ނިސްބަތްވާ ހުއިޓޯޓޯގެ ބަހުން އަޑުހަރުކޮށް އެނައުންސްމަންޓެއް އިއްވަމުން ދިޔައެވެ. އެއްވެސް ކުއްޖަކު ތަންތަން ނުދިއުމަށާއި ތިބި ތަނެއްގައި ތިބުމަށް އެނައުންސް ކުރަމުން ދިޔައެވެ. ބޭނުމަކަށް ވީ، އެ އަޑު އެކުދިންނަށް އިވި ރެސްކިއު މަސައްކަތުގައި އުޅޭ މީހުން އަންނަކަން އަންގައި ދިނުމެވެ.

އެކުދިންގެ ތެރެއިން ކުއްޖެއްގެ ބުއްފުޅި

131 ފޫޓަށް ހެދިފައި ހުރި ބިޔަ ގަސްތަކާއި ވަލު ޖަނަވާރު އުޅޭ ޖަންގަލީގެ ތެރޭގައި އެކުދިން ސަލާމަތުން ތިއްބާ ފެނުމުން އެންމެނަށް ހައިރާންކަން ލިބުނެވެ.

17 ދުވަހުގެ މަސައްކަތުން އެ ކުދިން ފެނުނު އިރު ހާލު ރަނގަޅު ކަމަށާއި އިތުރު ފަރުވާއަށް ސިއްހީ އެހީތެރިންނާ ހަމައަށް މިހާރު ވަނީ ގެންގޮސްފައެވެ.

އިދާރާތަކުން ބުނާ ގޮތުގައި އެ ބޯޓު ވެއްޓުނީ އިންޖީނަށް ދިމާވި މައްސަލައެއްގައެވެ. ބޯޓު ވެއްޓުމުގެ ކުރިން އިންޖީނަށް މައްސަލަ ދިމާވާ ކަމަށް ޕައިލެޓް ބުނެފައި ވާ ކަމަށާއި، ރޭޑާއަށް ބޯޓު ގެއްލުނީ އޭގެ ފަހުން ކަމަށް އޮފިޝަލުން ބުނެއެވެ.