އެއާ އިންޑިއާގެ މަތިންދާބޯޓެއް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެއެވެ.

ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބޯއިން 787-8 ޑްރީމްލައިނާ ބޯޓަކީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދިއުމަށް ފުރި ބޯޓެކެއެވެ. އެ ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިބިއިރު ބޯޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މި ވީޑިއޯ އިން ފެންނަނީ މި މަތިންދާބޯޓު މައްޗަށް އަރަން ދިޔަ ވަގުތު ބެލެންސް ނުވެ، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓޭ މަންޒަރެވެ. އަދި ބޯޓު ވެއްޓުމާއެކު ބޯޓުގައި ރޯވާ މަންޒަރު ފެނިގެން ދެއެވެ.

މި ހާދިސާ އާ ގުޅިގެން އިންޑިއާގެ ސިވިލް އޭވިއޭޝަންގެ މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރާޕޫ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރެސްކިއު ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށާއި އެ ސަރަހައްދުގައި މެޑިކަލް އެއިޑް އާއި ރިލީފް ސަޕޯޓް ދިނުމަށް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

މި ބޯޓު ވެއްޓެއް ދިމާވި ސަބަބު އަދި ސާފުވެފައިނުވާއިރު ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.

ދިގު ފިޔަގަނޑުލީ ބޯއީންގެ 787 ގެ ޑްރީމްލައިނާ އަކީ އެ ކުންފުނީގެ ފްލީޓަށް އިތުރުކުރި ފަހުގެ އާ މަރުކާގެ ބޯޓެވެ.

ނައްޓާލަން އޮތް ގަޑިއަށް ވުރެ 45 މިނެޓު ފަހުން ފުރުނު ބޯޓު މިނެޓެއްހާއިރު ތެރޭ ވެއްޓި ގޮވި އިރު، މަންޒަރު ދުށް މީހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، ބޯޓު ވެއްޓުނު ސަރަހައްދު ވަނީ ބޯޓު ގޮވައިގެން ބުރައިގެން ދިޔަ ކުނިބުނިން ފުރިފައެވެ.

ކާބަން ފައިބަރުން ހަދާ މުޅި ބޯޓު އެކީއެކަށްެހެން ރިއިންފޯސްކޮށް (އެކަތިގަނޑެއްހެން) އޮންނަ ގޮތަށް ހަދާފައި ވާ ޑްރީމްލައިނާ އަކީ ތޮލުގެ ހަރަދުވެސް ހޫނު މަދު އަދި ކުޑަދޮރުތަކުގެ ސައިޒް ބޮޑުކޮށް، އަދި އިށިއިންނަ ޖާގަވެސް ތަނަވަސްކޮށް އޮންނަ ވައިގެ އުދުމުގައި މިވަގުތު އޮތް އެންމެ މަގުބޫލު އެއް ބްރޭންޑެވެ.

މި ބޯޓު ވެއްޓުމާއެކު ބޯއިންގެ މާކެޓް ޝެއާ 14 ޕަސެންޓަށް ވަނީ ވެއްޓިފައެވެ. މިއީ ނިމިދިޔަ 2013 ގައި މި މަރުކާގެ ބޯޓުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިޅި ފްލީޓް މަޑުޖައްސާލި ފަހުން ދިމާވި މިފަދަ ފުރަތަމަ ހާދިސާއެވެ. އެފަހަރު ޑްރީމްލައިނާތަކަށް ދިމާވި މައްސަލައަކީ އޭގެ ލިތިއަމް އައޮން ބެޓެރީގެ މައްސަލަތަކެއް ފެންމަތިވެގެން ދިމާވި މައްސަލައެކެވެ.