ރާއްޖެ އާއި މޮރިޝަސް އާ ދެމެދުން އިން ވަކިކުރުމުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލާ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް ވަނީ އަންގަވައިފައެވެ. ނަމަވެސް އެ މައްސަލަ ނިމިގެން ދިޔަ އިރު، ރާއްޖޭން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް، މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފެއް ނުވެއެވެ.

އެހެންވެ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ރައީސް ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވާލައްވައި، މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައިގައި ރާއްޖޭން ގެންގުޅެމުން އައި ސިޔާސަތު މި ސަރުކާރުން ބަދަލުކޮށް ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އާންމުންނަށް އަދި މަޖިލީހަށް ވެސް އެންގެވުމެއް ނެތި ރައީސް ފޮނުއްވި ސިޓީފުޅުގެ ސަބަބުން ރާއްޖެ އަށް އިއާދަނުކުރެވޭ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ރައީސްގެ "ސިއްރު" ސިޓީފުޅު ހާމަކުރުމަށާއި، އެ ސިޓީފުޅު ފޮނުއްވަން ޖެހުނު ސަބަބު އާންމުންނަށް ހާމަކުރުމަށް ސަރުކާރަށް އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.

ނަމަވެސް މި މައްސަލައިގައި ވޯޓުގައި ބައިވެރިވެވަޑައިގަތް 51 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ ވޯޓާ އެކު މި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ. ބާކީ މެންބަރުން ވޯޓު ދެއްވީ މި މައްސަލަ އަށް ބަހުސްކުރުމަށް ފެންނަ ކަމަށެވެ.

އެ ސިޓީ ހާމަކުރުމަށް ގޮވާލައްވައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ މިދިޔަ މަހުގެ 27 ގައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލަ މި މަހުގެ އަށްވަނަ ދުވަހު ކޯޓުން ބަލައިނުގަތުމުން، ޖެހިގެން އައި ދުވަހު އަލުން އެ މައްސަލަ ހުށަހަޅުއްވާފައި ވެއެވެ.

މިދިޔަ މަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ސިޓީފުޅާ ގުޅިގެން ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭން މިހާތަނަށް ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިނގާކަމާ ދެކޮޅު ހެދީ އިން ވަކިކުރުމުގެ މައްސަލަ އިޓްލޮސް އަށް ނުބެލޭނެ ކަމަށް ސަރުކާރުން ވަކާލާތުކޮށްފައި ވާތީއެވެ.