ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން ޕާޓީއެއް ދެބައި ވުމަކީ މިހާރު ދިވެހިންނަށް އާ ކަމެއް ނޫނެވެ. މިއީ މީގެ ކުރިން ވެސް ކަން ހިނގާފައިވާ ގޮތެވެ. މިހާރު އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމް ކުރިން ވެރިކަން ކުރި ދުވަސްވަރު، އެ ޕާޓީ ވެސް ދެބައިވެފައި ވަނީ އޭރު ރިޔާސީ އިންތިހާބަށް ދިމާކޮށް ރިޔާސީ ޓިކެޓް ދިން މައްސަލައިގައެވެ. ހަމަ އެގޮތަށް މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީ މިއަދު ދެފަޅިވެފައި ވަނީ ވެސް ރިޔާސީ ޓިކެޓާ ހިފަން ހަދައިގެންނެވެ.
އެމްޑީޕީ ދެބައިވީ ވެރިކަމަށް "ބޫތު ކައިފާ" ތިބި ވަރުން!
އެމްޑީޕީ ދެބައިވާން އުޅޭ ކަމުގެ ހަބަރުތައް ފެތުރިގެން އައިސްފައި ވަނީ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީން ޕްރައިމަރީ ބާއްވަން އިއުލާން ކުރި ހިސާބުންނެވެ. މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވި އިރު، އެ ޕާޓީގެ ރައީސް، އަދި ކުރިން އެމްޑީޕީ ވެރިކަމުގައި ރައީސްކަން ކުރެއްވި، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވުމުން އެމްޑީޕީ ދެބައިވުމުގެ ކުލަވަރު ދައްކާލިއެވެ. މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އިތުރުވެ ބަރުލަމާނީ އަދި ރިޔާސީ ނިޒާމާ މެދު ކުރެވުނު ބަހުސްތައް ހޫނުވިއެވެ.
ނަމަވެސް އެ ޕާޓީގެ ގިނަ މެންބަރުން އޭރުވެސް ގަބޫލު ކުރަމުން ދިޔައީ، ޕްރައިމަރީގެ ސަބަބުން ޕާޓީ ދެބައި ނުވާނެ ކަަމަށެވެ. އެގޮތަށް ނުވިސްނެންވީ ސަބަބެއް ވެސް ނެތެވެ. މީގެ ކުރިން ވެސް ހިޔާލު ތަފާތުވުންތަކާ އެކުގައި ވެސް އެމްޑީޕީ ތެރޭގައި އޮތް އެއްބައިވަންތަ ކަމާއި، ޖޯޝާއި، ރޫހު އެކަމަށް ހެކި ދޭނެއެވެ. ނަމަވެސް މަންޒަރު ބަދަލުވެއްޖެ ކަމަށް ގަބޫލު ކުރެވުނީ، ޕްރައިމަރީގެ ނަތީޖާއިން "މިތުރުން ހަތުރަކަށް" ވެގެން ދިޔަ ހިސާބުންނެވެ.
އެއަށްފަހު ރައީސް ސޯލިހާ ދެކޮަޅަށް ނަޝީދަށް ތާއީދު ކުރާ ބޭފުޅުން ކެމްޕެއިން ކުރައްވާ ކަމުގެ ތަހުމަތުގެ އަޑު ގަދަވިއެވެ. މި ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމާއި ސަރުކާރަށް ދެކޮޅަށް މަސައްކަތް ކުރާ ފެކްޝަނެއްގެ ގޮތުގައި އުފެދިގެން ދިޔަ "ފިކުރެއްގެ ދިރުން" އަތުކުރި އޮޅާލައިގެން ނިކުތީ އެމްޑީޕީއާ ވާދަވެރި ކެންޑިޑޭޓުންނާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއްގައެވެ. އެ މަސައްކަތުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު ގާތް ގުޅުމެއް ރައީސް ނަޝީދު ބާއްވަވަމުން ގެންދެވި ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް ގާސިމް ހުންނެވީ އެ ފިކުރާ އެކީ ކަން ހާމައެއް ނުކުރައްވައެވެ.
އެއަށްފަހު ފިކުރެއްގެ ދިރުމުގެ ޕްލޭން ބަދަލުވެގެން ދިޔައީ، ސަރުކާރާ ދެކޮޅަށް ޗާގޯސް މައްސަލައިގައި އުފެއްދި "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު" ގައި "ފިކުރެއްގެ ދިރުން" ފެކްޝަނުން ގުޅި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމެވެ. ޗާގޯސް މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ އިއްތިހާދުން މަޖިލީހަށް ހުށަހަޅައި، ރައީސް ސޯލިހް އަޒުލް ކުރުމަށް ވެސް މަސައްކަތް ވަނީ ފަށާފައެވެ.
އެއާއެކު އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް އެޖެންޑާ ހިންގާ މެންބަރުންނާ މެދު ފިޔަވަޅު އަޅަން ނިންމުމުން، ރައީސް ނަޝީދުގެ ފެކްޝަނުގައި ތިއްބެވި އެމްޑީޕީ ތަމްސީލް ކުރައްވާ މަޖިލީހުގެ 12 މެންބަރުންނާއި ކުރީގެ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެމްޑީޕީން ވަކިވިއެވެ. އޭގެ ކުރިން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އޮތީ ޕާޓީން ކަނޑާލާފައެވެ. އެއާއެކު ނަޝީދު ފެކްޝަނުން ވަނީ އެމީހުން އެމްޑީޕީއާ ވަކިވެ އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާ ކަން އިއުލާން ކޮށްފައެވެ.
މާޒީގައި ޕީޕީއެމް ދެބައިވީ ވެސް ރިޔާސީ ޓިކެޓާ ތަޅާފޮޅަމުން!
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސް ވަރުގައި ޕީޕީއެމް ދެބައިވެގެން ދިޔަ ގޮތަަށް ބަލާލާ އިރު، އެ މައްސަލަ ފެށިގެން ދިޔައީ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުންނެވެ. ޕްރައިމަރީއަކާ ނުލައި 2018 ގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ކައުންސިލް ބައެއް މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރި މައްސަލަ ބޮޑުވިއެވެ.
އެހިސާބުން ޕީޕީއެމް ހިސޯރު ކުރައްވަން ރައީސް މައުމޫން އުޅުއްވާ ކަމަށް ބުނެ ސިވިލް ކޯޓަށް ވެއްދި މައްސަލަ ނިމިގެން ދިޔައީ ޕާޓީގެ ހިންގުމަށް ރައީސް މައުމޫން ހުރަސްއަޅާފައިވާ ކަމަށް ކަނޑައަޅައި، އެ ޕާޓީގެ ހިންގުން ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ހުކުމް ކޮށްގެންނެވެ. އެ ޕާޓީގެ އާންމު މެންބަރަކު އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއިދު ކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދު ކޮށްފައެވެ.
އޭގެ ފަހުން ރައީސް މައުމޫން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީ އުފެއްދެވި އިރު ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ޣައްސާން މައުމޫން ހުންނެވީ ޕީޕީއެމްއާއެކު ރައީސް ޔާމީންގެ ފަހަތްޕުޅުގައެވެ. ރައީސް މައުމޫނާ އެކު ދަރިކަލުން ފާރިސް މައުމޫނާއި ދަރިކަނބަލުން ޔުމްނާ މައުމޫން އެމްއާރްއެމާ ގުޅިވަޑައިގެންނެވި އިރު ދުންޔާ ވަނީ ކާނަލް ނާޒިމް އުފެއްދެވި އެމްއެންޕީއާ ގުޅިވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެތަ؟
މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާ އިރު، ރައީސް މައުމޫން އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދެވި ފަހުން މިއަދާ ހަމައަށް އައި އިރު ވެސް، އެ ޕާޓީން ވެރިކަން ކުރުމަށް ރިޔާސީ އިންތިހާބެއްގައި އަދި ވާދަ ކޮށްފައެއް ނުވެއެވެ. ނުވަތަ ވާދަ ކުރާން އެކަށީގެންވާ ތާއީދެއް ނެތެވެ. 3000 ވެސް ހަމަ ނުވާ މައުމޫން ޕާޓީން އަންނަ ރިޔާސީ އިންތިހާބަށް "ފާރިސް ރަނގަަޅޭ" ކިޔަސް އިންތިހާބަކަށް ގޮސްގެން ޑރ. ވަހީދަށް ވީވަރުވެސް ވެދާނެ ކަމާމެދު ޝައްކެވެ.
ރައީސް ނަޝީދުގެ ފެކްޝަނުން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަފާނެ ތޯއެވެ؟ ނުވަތަ ރިޔާސީ އިންތިހާބުގައި ވާދަކުރުން ފަސްކޮށްލައްވައި މާޒީގައި ޕީޕީއެމްއާއި އެމްއާރްއެމުން ކަން ކުރި ގޮތް ބަލައި މަޑު ޖައްސާލާނީ ހެއްޔެވެ؟
ރައީސް ނަޝީދުގެ ފެކްޝަން "ފިކުރެއްގެ ދިރުން" އުފެދިގެން އައީ އެމްޑީޕީގެ ބައެއް ސިޔާސަތުތައް ކަމުނުގޮސްގެން ކަމަށް ބުނަމުންނެވެ. ޕްރައިމާރީއަށް ފަހު ފެށި ކޯޅުންގަނޑުގައި މި ސަރުކާރަށް ކުރެވޭ ރަނގަޅު އެއް ކަމެއް ވެސް އެ ފެކްޝަންގެ މެންބަރުންނަކަށް ނުފެނެއެވެ. ރަނގަޅަށް ވުރެ ގޯސް ގިނަވީމައިވެސް އެހެން ވެދާނެއެވެ. ނަޝީދުގެ "ފިކުރާ" މުޅިން ތަފާތުކޮށް ސަރުކާރުން ކަން ކުރަމުން ދާ ކަމަށް އައީ "ލޭބަލް" ކުރަމުންނެވެ. އަދި ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ފަހަތަށް ނުޖެހޭނެ ކަމަށް ބުނެ އެމީހުންގެ "ފިކުރު" ޕްރޮމޯޓް ކުރިއެވެ.
އެއާއެކު މިހާރު ހުރި ޕާޓީތަކާ އެކު ކޯލިޝަން ހަދަން ކުރި މަސައްކަތުގެ މައްޗަށް އެ ބޭފުޅުން އާ ޕާޓިއެއް ހެދުމުގެ ވިސްނުމާ ހަމައަށް ދިޔައީ ކީއްވެތޯ ސާފުވާން ޖެހެއެވެ. އެއީ ވެރިކަމްށްތޯ ނޫނީ ނިޒާމު ބަދަލު ކުރަންތޯ ސާފުވާން ޖެހެއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެހެން ޕާޓީތަކުގެ ވިސްނުން ހުރި ކަމަކަށް މީގެ ކުރިން ބުނެފައެއް ވެސް ނުވެއެވެ.
ނަޝީދު ފެކްޝަންގެ ޕްލޭނާ އެއްގޮތަށް ކަން ކުރަން ވެއްޖެނަމަ ދެން އެކަމެއް ވާން އޮތީ އަމިއްލައަށް އާ ޕާޓީއެއް އުފައްދައިގެންނެވެ. އާ އުންމީދަކާ އެކު އާ އަޒުމެއްގައި ނަޝީދު ފެކްޝަނުން އާ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ބުނާ އިރު، ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނަށް އެތައް ބުރަ މަސައްކަތްތަކެއް ކޮށްދިން އެމްޑީޕީއާ މިއަދު ވަކިވާން އެ އުޅުއްވަނީ ހަމައެކަނި ސަރުކާރުގެ ނިންމުންތައް ކަމު ނުދިޔައިމައޭ ބުނެވޭނެ ހެއްޔެވެ. ނޫނީ މިއީ އެމަނިކުފާނު ވެރިކަން ކުރުމުގެ ދަހިވެތިކަމުގައި ނިންމި ނިންމުމެން ނޫންބާއެވެ.
ކީކޭ ބުނާނީ. ދެރަ ކަންކަން މީ. އަހަރެން އަސްލު ހިޔެއް ނުކުރަން ނަޝީދު މިވަރު ދޯކާއެއް ދީފާނޭ. ޑިމޮކްރަސީއަށް އޮތް ހުތުރ ެއް. ހަމަ ގަސްތުގައި އެމްޑީޕީ ފުންޑާލަން ކުރެއްވި ކަމެއްމީ. މިހާރު ނަޝީދު ދެކެ ފޫހިވެއްޖެ. ގިނަ ބައެއްގެ ލޯބި ލިބުނީމަ ފޮނިބޮޑުވީ. ޓީމް ވޯކަށް ވުރެ ވެރިކަން ކުރާ ހިތްވިލެއް ބޮޑީ.
މަންޒަރު ވަރަށް ސާފު. ވެރިކަން ކުރާ ހިތުން ހަމަ ބޫތު ކައިފަ އެ ހުރީ
ކޮޕީ ކެޓް ނަޝީދު
ދެން ނަޝީދު ރަނގަޅު ވާނީ ސިޔާސީ މަސައްކަތުއް އެއްފަރާތަކަށް ޖެހިލިއްޔާ