އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި ފަންސާސް ހައުސިންގް ޔުނިޓްގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށެވެ. ރަށުގެ ގެދޮރުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއު ނިމުމުން ގެދޮރުގެ މަސައްލަ ހައްލުވެގެން ދާނެ ކަމަށެވެ.

މިއަދުގެ ބޮޑުފޮޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އެ ރަށުގެ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ މަޝްރޫއަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއްދީގެން، އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މަޝްރޫއުގެ އަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ބޮޑުފޮޅުދޫގައި ގާއިމުކުރާ ހޭންޑްބޯލް ދަނޑުގެ އަމަލީ މަސައްކަތް ފެށޭކަން ފާހަގަކުރައްވައި، ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބޭނުން ކުރެވޭނެ ގޮތަކަށް މަސައްކަތް ނިންމުމަށް މަގުފަހިކޮށް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ރަށުގައި މިހާރު ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާއި ހަވާލުކުރުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، އެއާގުޅިގެން ކުރަންޖެހޭ ކަންކަން އަންނަ އަހަރު ކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، އއ. ބޮޑުފޮޅުދޫގެ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ދެއްވައި، އެކަމުގެ ނަފާ، ރައްޔިތުންނަށް ލިބިގެން ދާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.