ދިވެހިރާއްޖޭގެ އިގްތިސާދީ އަމާޒުތަކާއި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު އެއްވެސް އުނިއިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު އަގުލަބިއްޔަތެއް އޮތް މަޖިލީހުން މި ބަޖެޓު ފާސްކުރިއިރު، މިއާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުންނެވެ.

މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކޮމިޓީންވެސް ނިންމީ ސަރުކާރުން ހުށަހެޅި އަސްލު ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ. އަދި ބަޖެޓު ރިޕޯޓަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ތަޅުމާ ހަމައަށް ގެންދެވުނު ހަތް އިސްލާހުވެސް މަޖިލީހުގެ އަގުލަބިއްޔަތުން ވަނީ ބޭރުކޮށްލާފައެވެ.

މި ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން ފަށާފައިވާ މަސައްކަތްތަކުގެ ބޮޑުބައެއް ނިންމުމަށް އަމާޒު ހިފައިގެން އެކުލަވާލާފައިވާ ބަޖެޓެކެވެ. މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓު ހަތް ޕަސެންޓް ކުޑަ ނަމަވެސް، މިއީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށް އެކަށައަޅާފައިވާ ދެމެހެއްޓެނިވި ބަޖެޓެއް ކަމަށް މާލީ ވުޒާރާއިން ސިފަކުރެއެވެ.

ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ 33.6 ބިލިއަން ރުފިޔާއެވެ. ބާކީ ބައި ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީން ހަމަޖެއްސުމަށް ވަނީ ރާވާފައެވެ.

ހަރަދުތަކުގެ ބަޔަށް ބަލާއިރު، އަންނަ އަހަރު ދައުލަތުން 52.6 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޭދަވާނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދަށެވެ. އެގޮތުން ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ތަރައްގީގެ މަޝްރޫއުތައް ހިމެނޭހެން ކެޕިޓަލް ހަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އަދަދުތަކާއެކު، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ނުވަތަ ދަރަނި ފޫބައްދަން ބޭނުންވާ މިންވަރު ހުންނާނީ 9.4 ބިލިއަން ރުފިޔާގައެވެ. އަދި އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭއިރު، ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ހުންނާނީ 129.5 ބިލިއަން ރުފިޔާގައެވެ.