ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވަކިކުރަން ޖެހޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ރާއްޖެ އާއި މޮރިޝަސް އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދު ވަކިކުރި މައްސަލައިގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވަނިކޮށެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ އާޒިމް ޕާޓީން ވަކިވެއްޖެ ކަމަށެވެ. އެ ދެ މާއްދާގައިވާ ގޮތުން:
- އެމްޑީޕީގެ މެންބަރަކު އެހެން ޕާޓީއެއްގައި ހަރަކާތްތެރިވެއްޖެ ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ ޕާޓީން ވަކިވާނެ
- ޕާޓީގެ މަސްލަހަތު ގެއްލުވާލަން މަސައްކަތްކޮށްފި ނަމަ ޕާޓީން ވަކިވާނެ
އަމިއްލަ ނުރަސްމީ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ރައީސް އަންގަވައިގެން 2019 ގައި ދާއިރާގެ ރައީސުން ނުކުމެ، އެމްޑީޕީގެ ކެންޑިޑޭޓް ކަޓުވާލުމަށް ފަހު އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން މަޖިލިހަށް ހޮވި މައްސަލަ ނުބަަލައި ފިޔަވަޅު އަޅާ ކޮމިޓީން މިހާރު ބަލަމުންދާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލައިގައި އިދިކޮޅާ ގުޅިގެން އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ހަރަކާތްތެރިވެ ވަޑައިގަންނަވާތީ، އާޒިމްގެ އިތުރުން އިތުރު ހަތަރު މެންބަރަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.
"ޕާޓީން ވަކިކުރަން ޖެހޭނީ ރައީސް ސޯލިހު،" "އަނެއް ދިވެހިރާއްޖެ" ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ލިބިވަޑައިގަތް ނާކާމިޔާބީ އަށް ފަހު، ނަޝީދު ގެންދަވަނީ ފާޅުގައި ރައީސަށާއި ސަރުކާރަށް ފާޑުވިދާޅުވެ، ރައީސާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު "ދަ ޕްރެސް"ގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބެ، ރައީސާއި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކަށް ތާއީދުކޮށް ވޯޓު ދީފި ނަމަ އެ މެންބަރުން ޕާޓީން ވަކިވާނެ ކަމަށާއި، އެ ނިންމުން ތަންފީޒުކުރުމުގައި އެ ޕާޓީން ފަސްނުޖެހޭނެ ކަމަށެވެ.