2 އަހަރު ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން، އަނބުރާ ގެއަށް ވަޑައިގަތުމުން ވާހާ އުފާ އިހްސާސް ކުރެވިއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމްޑީޕީއަށް ސޮއި ކުރައްވާފައި މި ވަނީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާ ފެށުމުގެ ކުރިންނެވެ. ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނާ އެކު އެ ޕާޓީން ވަކިވެގެން ވަޑައިގެން ކުރީގެ އެމްޑީޕީގެ މެންބަރުން ވެސް މިވަނީ މިރޭ އެމްޑީޕީއާ ގުޅިވަޑަިއގެންފައެވެ.
އެގޮތުން މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީއާ އަލުން މި ގުޅި ވަޑައިގަތީ އެ ޕާޓީއާ ދުރުގައި ހުންނަވާތާ 2 އަހަރު ފަހުން ކަމަށެވެ. އެހާ ދިގު މުއްދަތެއްގައި އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު އަނބުރާ ވަޑައިގަތުމަކީ، އެތައް ދުވަހެއް ފަހުން ދުރުގައި ހުންނެވުމަށްފަހު ގެއަށް ވަޑައިގަތުން ވާ ފަދަ އުފާވެރި ކަމެއް އިހްސާސްވުން ފަދަ ކަމެއްގެ ގޮތުގައި ނަޝީދު ސިފަފުޅު ކުރެއްވިއެވެ. އަދި އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން ކީ މަރުހަބާއަށް ހާއްސަ ޝުކުރެއް ވެސް އަދާ ކުރެއްވިއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދުއަށް އެ އިންތިހާބު ނާކާމިޔާބުވެފައި ވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައި ނުގެންނެވުނީ ޓެރަރިޒަމްގެ ކުށުގައި ރައީސް ނަޝީދު ޖަލަށް ލާން ކުރި ހުކުމަކާ ގުޅިގެންނެވެ.
2005 ވަނަ އަހަރު އެމްޑީޕީ އުފެދުނީއް ސުރެ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވި، އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައެވެ. އެއަށްފަހު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އޭރު އެމްޑީޕީން ވަކިވި މެންބަރުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ.
އެއާއެކު އެމްޑީޕީ ދެބައިވެގެން ދިއުމުން އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމެނެވެ. މި ނާކާމިޔާބީ ލިބުނީ ރައީސް ނަޝީދު އެ ޕާޓީން ވަކިވުމުން ކަމަށް ގިނަ ބަޔަލު ގަބޫލު ކުރެއެވެ. އަދި މިހާރު ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބީ ލިބިގެން ދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.