ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ފައިދާ ހުރި ގޮތަކީ ބީލަމުގެ އުސޫލުން އެތަން ހިންގާނެ ބަޔަކު ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުގައި، ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވާފައި ވަނިކޮށެވެ. ޔާމީންގެ މިތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މުހައްމަދު ސައީދު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ވިދާޅުވެފައެވެ.

ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫކަމަށްވާއިރު ނަޝީދު ވިދާޅުވީ އެންމެ ބުއްދިވެރި ގޮތަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާނެ ބަޔަކު ބީލަމުގެ އުސޫލުން ހޯދުން ކަމަށާއި، އެއާލައިނަކުން އެތަން ހިންގައިފިނަމަ، ލިބޭނެ ފައިދާ ބޮޑުވެދާނެކަމަށެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިތުރަށް ދަރަނިވެރި ވެގެން ލޯންތައް ދައްކަން އުޅުމަށްވުރެން އަތުގައި ހުރި އެއްޗަކުން ކުއްޔަށް ދީގެން އެ ފައިސާ ހޯދިއްޖެނަމަ، ރާއްޖެއަށް ކުރާނެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށެވެ.

ޖީއެމްއާރަށް އެއާޕޯޓު ހިންގަން ދިންނަމަ، މިއަދު ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ރާއްޖެއިން ދައްކަން ނުޖެހޭނެކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އޭރުން އައު ޓާމިނަލް އޮޕަރޭޓުކުރާތާ މިހާރު 10 ވަރަކަށް އަހަރުވާނެ ކަމަށެވެ. އަދި އެ ކަމުން ސަރުކާރަށްވާ ފައިދާ ކުޑަނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ.