ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން އާބަންކޯ އިން ތައާރަފު ކޮށްފިއެވެ.
އާބަންކޯއިން ބުނީ، ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯން ސްމާޓް ޕާކިން ޒޯނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ވަރަށް ހާއްސަ ތަފާތު ކަންކަން އެބްހުރި ކަމަށާއި މިގޮތުން ޕާކިންޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމް.އެލް) ބޭނުންކުރާ ކަމަށެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެ ކަމަށް އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ، ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށެވެ.
ހަމައެހެންމެ ކުރު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކޮށްފައިވާ ކަމަށާއި މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެ ކަމަށެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.
ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ، ފިތުރޯނު ޕާކިން ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެ ކަމަށެވެ.