ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްލި މައްސަލައިގައި 200،000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި އެފައިސާ ދައްކާފައިނުވާއިރު، އިތުރު ފިޔަވަޅެއް އަދި އަޅާފައި ނުވާ ކަމަށް އާބަންކޯ ބުނެފިއެވެ.

މި މައްސަލާގައި 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އެޕާޓްމަންޓުގެ ވެރިފަރާތަށް އެންގި ނަމަވެސް އެމުއްދަތު ހަމަވިއިރު ވެސް އެފައިސާ ދައްކާފައެއް ނުވެއެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަވަމުން އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ، ޖޫރިމަނާ ފައިސާ ނުދެއްކި މައްސަލާގައި އަދި މިހާތަނަށް އިތުރު ފިޔަވަޅެއް ނާޅާ ކަމަށާއި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ. މިގޮތުން އަންނަ ހަފުތާގައި މިކަމާ ގުޅިގެން ގޮތެއް ނިންމާނެ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޖޫރިމަނާކުރީ "ހިޔާ ޔޫނިއަން" ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލެވެ.

މި މައްސަލާގައި ޖޫރިމަނާގެ އިތުރުން 10 ދުވަސްތެރޭ އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ވެސް ވަނީ އަންގާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަގޮތުގައި މި ދެ ފްލެޓް އެއްކޮށްގެން ހަދާފައި ވަނީ ޒަމާނީ ފެންވަރުގައެވެ.