ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްލި މައްސަލައިގައި 200،000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި އެފައިސާ ދައްކަން އެންގުމުން، އެ މުއްދަތުގައި އެ ފައިސާ ދައްކާފައި ނުވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

މި މައްސަލާގައި 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އެޕާޓްމަންޓުގެ ވެރިފަރާތަށް އާބަންކޯ އަންގާފައިވަނީ މިމަހު 5 ވަނަ ދުވަހުއެވެ. އެމުއްދަތު އިއްޔެ ހަމަވެގެން ދިޔައިރު ވެސް އެފައިސާ ދައްކާފައި ނުވާ ކަމަށް އާބަންކޯއިން ބުނެއެވެ.

ޖޫރިމަނާގެ އިތުރުން 10 ދުވަސްތެރޭ އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ވެސް ވަނީ އަންގާފައެވެ.

މިއެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، އާބަންކޯއިން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަގޮތުގައި މި ދެ ފްލެޓް އެއްކޮށްގެން ހަދާފައި ވަނީ ޒަމާނީ ފެންވަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޖޫރިމަނާކުރި އެއް ފްލެޓަކީ "ހިޔާ ޔޫނިއަން" ގައި އިސްކޮށް އުޅޭ މީހެއްގެ ފްލެޓެކެވެ.