ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާގައި ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނީ ތަހުމީން އަހުމަދުގެ ކުރީގެ ވަކީލެއްގެ އިހުމާލުން ކަމަށް ބުނެ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ގާޒީ ދެއްވައިފިއެވެ.

ކުރީގަ އެ މައްސަލަ ބަލަމުންދިޔަ ބެންޗު އުވާލުމާ ގުޅިގެން މިހާރު މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ ސޮފްވަތު ހަބީބުއެވެ. ތަހުމީނުގެ ވަކީލުންވެސް މިހާރު ބަދަލުވެފައި ވާއިރު އޭނާގެ ވަކީލުން ކޯޓުގައި ބުނީ، ހެކި ހުށަނޭޅުނީ ކުރީގެ ވަކީލެއްގެ އިހުމާލުން ކަމަށެވެ. އެއާ އެކު ގާޒީ ވަނީ އެ މައްސަލައިން ދިފާއުވުމުގެ ފުރުސަތު އޭނާއަށްވެސް ލިބިދޭންޖެހޭކަމަށް ބުނެ އިތުރު ފުރުސަތެއް ދީފައެވެ.

އަދި ކުރީގައި ހުށައަޅާފައިވާ ހެކިތައް ބަލައިގަތުމާމެދު ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ ގާޒީ ވަނީ ތަހުމީނުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކި ބަލައިގެންނެވުމަށް ނިންމަވާފައެވެ. އަދި ވަކިވަކި ހެކިންނާމެދު އިއުތިރާޒެއް އޮތްނަމަ 3 ދުވަސް ތެރޭގައި ކޯޓަށް އަންގާނެ ކަމަށް ދައުލަތުން ވަނީ ބަޔާން ކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި ތަހުމީންގެ ފަރާތުން ހެކި ހުށަހަޅާފައި ވެއެވެ. އެއީ 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ތަހުމީން ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނިމެންދެން މިސްކިތުގައި ކަމަށާއި އޭނާ އަކީ ސައިކަލެއް ގަތުމުގެ ގާބިލުކަން ނެތް މީހެއްކަން ސާބިތުކުރުމަށް ޖުމްލަ 6 ހެކި ވަނީ ހުށަހަޅާފައެވެ.

އެ ހެކިތަކާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު، އެކަންކަމާ ގުޅިގެން ދެން އޮންނަ އަޑުއެހުމެއްގައި ގޮތް ނިންމާ މައްސަލައިގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

އަދި އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.