ރާއްޖެ އާއި ސާބިއާ އާ ދެމެދު ވައިގެ ހިދުމަތުގެ އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސާބިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު އިވީސާ ޑާސިކް އާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ފަންނީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

ދެ ބޭފުޅުންގެ މަޝްވަރާ ބައްދަލުވުންތަކަށް ފަހު، ސާބިއާ އާއި ރާއްޖެ އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔައެވެ. އެއީ:

  • އިގްތިސޯދީ އަދި ވިޔަފާރީގެ ދާއިރާ އިން އެއްބާރުލުން އިތުރުކުރުމަށްޓަކައި ވެވުނު އެއްބަސްވުން: ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓުތަކަށް އާ މާކެޓެއް ލިބި، ސާބިއާ އިން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓުތައް އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް
  • ވައިގެ ހިދުމަތުގެ އެއްބަސްވުން: މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ކުރުމަށް މަގުފަހިވެ، ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރައި ދާނެ ކަމަށް ޝާހިދު ވިދާޅުވޭ
  • ކުޅިވަރު ދާއިރާގެ އެއްބަސްވުން: ޝާހިދު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ސާބިއާގައި ތަމްރީން ހެދުމަށް ފުރުސަތުތައް ފަހިވެގެން ދާނެ
  • ޑިޕްލޮމަޓިކް ތައުލީމުގެ އެއްބަސްވުން: ޝާހިދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ފޮރިން ސާވިސް އޮފިސަރުންނަށް ތަމްރީނާއި ތަޖުރިބާ ލިބުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ސާބިއާ އަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މިއީ ޝާހިދު އެ ގައުމަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.

ރާއްޖެ އާއި ސާބިއާ އާ ދެމެދު ޑިޕްލޮމަޓިކް ގުޅުންތައް ގާއިމްކުރެވުނީ މާޗް 1، 1975 ގައެވެ. ސާބިއާ އަކީ ރާއްޖެ މިނިވަންވި ފަހުން، ރާއްޖެ އާ ހަ ވަނަ އަށް ގުޅުން ގާއިމްކުރި ވިލާތުގެ ގައުމުކަން ފާހަގަކުރެވެއެވެ.