މިއަދެކޭ އެއްގޮތަށް މާދަމާ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވާތީ، އެމަނިކުފާނުގެ ސަޕޯޓަރުން މެޑިކާ ހޮސްޕިޓަލް ކައިރިއަށް ދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމުން އެދިއްޖެއެވެ.

ޕީޕީއެމުން ބުނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވެސް ވަނީ ތާވަލް ކޮށްފައި ކަމަށެވެ. ރައީސް ޔާމީނަށް ހިތްވަރު ދިނުމުގެ ގޮތުން މިއަދެކޭ ވެސް އެއްގޮތަށް، މާދަމާގެ މެންދުރު 12:30 އަށް ފާމުދޭރީ މަގުގައި ހުންނަ މެޑިކާ ހޮސްޕިޓަލް ކައިރިއަށް ސަޕޯޓަރުން ދިއުމަށް އެދޭ ކަމަށް ޕީޕީއެމުން ބުނެއެވެ.

ސުޕްރީމް ކޯޓުގައި މާދަމާގެ އަޑުއެހުމަސް ތާވަލް ކޮށްފައި ވަނީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާއަށެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައިގައި ވަނީ، ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން އަމުރެއް ނެރެފައެވެ. މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކުރީ، އެ މައްސަލައިގެ ޝަރީއަތުގެ ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފު ކުރައްވާފައި ވާތީ އެ މައްސަލަ ނިމެންދެންނެވެ.

ޔާމީންގެ ފަރާތުން ވަގުތީ އަމުރަކަށް އެދުމުން ދައުލަތުން ބުނީ، ޝަރީއަތް ކުރިއަށް ގެންދިޔަޔަސް ޔާމީންގެ ހައްގެއް ނުގެއްލޭނެ ކަމަށާއި، ޝަރީއަތް އަވަސްކުރުމަކީ ދައުވާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތެއް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މައްސަލަ އަވަސްކުރަން އުޅޭ ގޮތުން ތައްޔާރުވާން ދަތިވާ ކަމަށް، ރައްދުގައި ޔާމީން ވިދާޅުވިއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކޮށްފައެވެ. ނަމަވެސް 52.6 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ އަމުރު ބާތިލު ކޮށްފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ވަނީ ބަލައިގެންފައެވެ.