މީގެ 10 އަހަރު ކުރިން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އަހްމަދުގެ މައްސަލަ ރިވިއުކުރަން، އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން:

  • ހުމާމްގެ މައްސަލަ ރިވިއުކޮށްދޭން އެދިފައިވަނީ މިދިޔަ މަހުގެ 24 ގައި
  • ސުޕްރީމް ކޯޓުން ހުމާމްގެ މައްސަލަ ރިވިއުކުރުމާ މެދު ގޮތެއް ނިންމާފައި އަދި ނުވޭ

އޮކްޓޯބަރު 1، 2012 ގައި އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ޖެނުއަރީ 16، 2014 ގައެވެ. ސުޕްރީމް ކޯޓުން އެ އަހަރުގެ ޖޫން 24 ގައި ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް، ވަނީ ހުކުމް ދަމަހައްޓައިފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުމާމްގެ އިތުރުން ދެން ތުހުމަތުކޮށްފައި ވަނީ ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ 2016 ވަނަ އަހަރު ކަނޑައަޅައިފައެވެ.