އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްގައި ރާއްޖޭ ތަމްސީލް ކުރި މުހައްމަދު މާޒިން ރަން މެޑަލް ހޯދައިފިއެވެ.

މާޒިން ރަން މެޑަލް ހޯދީ ޓީ 11 ކެޓަގަރީގެ 100 މީޓަރު ދުވުމުގައި 16.39 ސިކުންތުން ރޭސް ނިންމައިގެންނެވެ. މާޒިންގެ ގައިޑެއްގެ ގޮތުގައި މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ހުސައިން ޝިފާޒްއެވެ.

މާޒިން އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޕެރަ އެތުލީޓެވެ. އޭނާ ވަނީ މީގެ ކުރިން 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކޮށް ރާއްޖެ އަށް ލޯ މެޑަލް ހޯދައި ދީފައެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް މެޑަލްތަކެއް ހޯދުމަށްޓަކައި ގިނަ ތަމްރީންތަކެއް މާޒިން ހޯދަމުން އަންނައިރު މިއަހަރުގެ އައިއޯއައިޖީގައި ވެސް މެޑަލް ހޯދުމަކީ އޭނާގެ އުންމީދެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މާޒިން ރަން މެޑަކް ހޯދުމާ ގުޅިގެން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ޔޫތު މިނިސްޓްރީން ވަނީ އެއީ ތާރީހީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް މާޒިންއަށް މަރުހަބާ ކިޔާފައިވެއެވެ.

އިންޑިއާގެ ބެންގަލޫރުގައި މިދިޔަ ހުކުރު ދުވަހު ފެށި އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް މިއަދު ނިމޭނެއެވެ.