"ވިޝަން އެކްސްޕްރެސް" ލޯންޗުން ދަތުރު ކުރި ބައެއް މީހުންނަށް ދ. މީދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މީދޫ ކައުންސިލުން ބުނީ ވިޝަން އެކްޕްރެސް ލޯންޗުން ދަތުރު ކުރި 4 ވަރަކަށް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމުގައެވެ. އެއީ ދިމާވި ހާދިސާގެ ސަބަބުން ބިރުގަނެފައިވާ ތިބި މީހުން ކަމަށާއި އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން އަނިޔާ ލިބިފައި ނުވާ ކަމަށެވެ.

މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ "ވިޝަން އެކްސްޕްރެސް" ލޯންޗަކީ މީދޫ މީހެއްގެ ލޯންޗެއް ކަމަށާއި ލޯންޗުގައި މީދޫ، މާއެނބޫދޫ އަދި ތ. އަތޮޅުގެ ރަށްރަށުގެ މީހުން ތިބި ކަމަށެވެ. އަދި ލޯންޗުގައި ދަތުރު ކުރި މީހުންގެ ފޮށި ފިޔަވާ މުދާ ނެތް ކަމަށް އިބްރާހިމް ނަސީމް ވިދާޅުވިއެވެ. އެ ލޯންޗުގައި ކުޑަ 2 ކުދިން ތިބި ކަމަށާއި ލޯންޗު ދިޔަވީ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލޯންޗަށް ރާޅެއް އެރީ ކަމަށެވެ.

ކައުންސިލުން އިތުރަށް ބުނީ އެ ލޯންޗުން ދަތުރު ކުރި މީހުންގެ ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.

ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ބުނެފައި ވާއިރު 30 މީހުންނާ އެކު ފ. ފީއަލިން 7 ނޯޓިކަލް ބޭރުން ދަތުރު ކުރަމުން ދިޔަ އެ ލޯންޗަށް ރާޅެއް އަރައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބި ކޯސްޓްގާޑުން އެމީހުން ހޯދަން ފެށީ މިއަދު ހަވީރުއެވެ. އެ ލޯންޗުގައި ކުޑަކުދިންގެ އިތުރުން އަންހެނުންވެސް ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. އަދި ލޯންޗު ދ. މީދުއަށް ދަތުރު ކުރި އިރު އެމްއެންޑީއެފްގެ އުޅަނދެއް ވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗަކީ މިއަދު މެންދުރު މާލެއިން ފުރައިގެން ދ އަތޮޅާއި ތ އަތޮޅަށް ދަތުރު ކުރަމުން ދިޔަ ފެރީ ލޯންޗެކެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރެއް ކަމުން ކަނޑު ދަތުރު ފަތުރު ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫއަށް ވައިޓް އެލާޓްވެސް ނެރެފައެވެ.