އައްޑޫ ފޭދޫގައި 6 އަހަރުގެ ފިރިހެން ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ފޭދޫ ޓްރެކް ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓަކަށް އާއިލާއެކު ދިޔަ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ މޫދުގައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:50 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާ މޫދުން ނަގައިގެން ގެންގޮސް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެ ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ.