އެމެރިކާގައި އާންމުކޮށް ފެންނަ ޒާތުގެ މީހުން މެރުމުގެ 2 ހާދިސާއެއް ގާތްގާތުގައި ހިނގުމުން ސާބިއާގެ ރައްޔިތުންނަށް ޝޮކެއް ޖެހިއްޖެއެވެ.

ފުރަތަމަ ހާދިސާގައި 13 އަހަރުގެ ކުއްޖަކު އޭނާ ކިޔަވާ ސްކޫލަށް ބަޑި ހިފައިގެން ވަދެ އޭނާގެ ކްލާސްމޭޓުންގެ ގަޔަށް ވަނީ ބަޑިޖަހާ މަރާލާފައެވެ. އެހާދިސާގައި 8 ކުއްޖަކާއި ސެކިއުރިޓީ ގާޑަކު ވަނީ މަރުވެފައެވެ.

އެ ހާދިސާ ހިނގިތާ 48 ގަޑިއިރު ނުވަނީސް އުމުރުން 21 އަހަރުގެ މީހަކު ވަނީ ސާބިއާގެ ޑުބޯނާގައި އާންމުންގެ ގަޔަށް ބަޑިޖަހާ 8 މީހަކު މަރާލާފައެވެ.

މި ދެހާދިސާ އާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވަމުން ދާ އިރު އާންމު ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައި ބޮޑު ޝޮކެއްގައި ކަމަށް ބުނެއެވެ.

މި 2 ހާދިސާގެ ތެރެއިން ފުރަތަމަ ހާދިސާގައި 13 އަހަރުގެ ކުއްޖާ އެކަން ކުރުމުގެ ކުރިން އެރޭ ވަރަށް ދަންވަންދެން ޓިކްޓޮކް ބެލުމުގެ އިތުރުން އެމެރިކާގެ ސްކޫލެއްގައި ދާދިފަހުން ހިނގި ބަޑިޖެހުމުގެ ހާދިސާ އާ ގުޅޭ ފިލްމެއް ބަލާފައިވާ ކަަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން ފިލްމެއްކަން ބުނަން ފުލުހުން ވަނީ އިންކާރު ކޮށްފައެވެ.

ސާބިއާ އަކީ އެމެރިކާއެކޭ އެއްގޮތަށް އާންމުކޮށް ބަޑި ގަންނަން ލިބޭ ގައުމެކެވެ. ގިނަ އަދަދެއްގެ ބަޔަކު ލައިސަންސް ބަޑި ގެންގުޅޭ ގައުމެކެވެ.

މި ހިނގި 2 ހާދިސާ އާ ގުޅިގެން އެ ކަމުގައި އާ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށާއި އެކަން މުރާޖައާ ކުރުމަށް އެކިފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މި ދެހާދިސާ ހިންގި ފަރާތްތައް ފުލުހުން މިހާރު ހައްޔަރު ކޮށްފައި ވާ އިރު 13 އަހަރުގެ ކުއްޖާ ހުރީ ނަފްސާނީ ބަލީގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި ބަހައްޓާފައެވެ. 21 އަހަރުގެ މީހާ ޖަލުގައި ބަންދުކޮށްފައި ވާ އިރު މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.