ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު ސަރުކާރުން ހިންގަމުން ގެންދާ ޝަރީއަތްތަކުގެ މައުލޫމާތު އީޔޫއާ ހިއްސާ ކޮށްފިއެވެ.

ޕީއެންސީގެ ނައިބް ރައީސް، އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަވަށްޓެރި ސްރީލަންކާގައި ތިއްބަވާ އީޔޫގެ ވަފުދަކާ އެކޯލިޝަނުން ބައްދަލުކޮށް ރައީސް ޔާމީނާ މެދު ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތަކާއި އިންސާފު ހޯދުމަށް ހުރި ގޮންޖެހުންތަކާއި އަދި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ ކަމަށް ބުނެފައި ވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ލަންކާއަށް ކުރި ރަސްމީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، އެ ބޭފުޅުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރައްވަނީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރެއްވުމަށް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަދިވެސް ތާވަލް ނުކުރާތީ އާއި ދަށު ކޯޓުގައި ހުރި މައްސަލަތައް "ފަތުއަޑު ކިޔާފައި" ކުރިއަށް ގެންދާ މައްސަލައިގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ހަމައެއާއެކު ރައީސް ޔާމީނަށް ގާނޫނުތަކުން ލިބެންޖެހޭ އެތަކެއް ހައްގުތަކެއް ގެއްލިގެންދާ މައްސަލަ އާއި، ދާދި ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ޓުވީޓުން ރައީސް ޔާމީނާއި ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ހާމަވާތީ އާއި އެކަމަކީ ރައީސް ޔާމީންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާ ކަމަކަށްވާތީ އެކަމާ ބެހޭ މައުލޫމާތުވެސް ހިއްސާ ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. ރައީސް ޔާމީނަކީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށްވާ އިރު އެމަނިކުފާނަށް ކެމްޕެއިން ކުރުމުގެ ހައްގުތަކުން މަހްރޫމްކޮށް ސިޔާސީ ބޭނުމަކަށް ރައީސް ޔާމީން ޖަލަށް ލައިގެން މި ސަރުކާރުން ގަސްތުގައި އަނިޔާ ދެމުންދާ މައްސަލައިގެ ކަންބޮޑުވުން ބޭރުގެ ސަފީރުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

އިދިކޮޅުން ވަނީ ރާއީސް ޔާމީނަށް ޖަލުގައި ކަންކުރަމުން އަންނަ ގޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކޮށްފައެވެ. އެގޮތުން ޖަލުގައި އެމަނިކުފާނު ބޭނުން ކުރައްވާ ފާހާނައިގެ އިތުރުން ސިޓިންރޫމާއި ކޮޓަރި އަދި އެމަނިކުފާނަށް ހާއްސަކޮށްފައިވާ "ހޯލް" ގައި ވެސް ވަނީ ކެމެރާތައް ހަރުކޮށްފައިވާ ކަމަށް އިދިކޮލޫން ބުނެއެވެ. އަދި މިއަށް ވުރެ އަނިޔާވެރި ސަރުކާރެއް، ރާއްޖޭގެ ރައްޔިތުން ދެކިފައި ނުވާ ކަމަށާއި ޔާމީންގެ ސިއްހީ ހާލަތަށް ރިއާޔަތް ކޮށް ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާ އިން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެކަންވެސް ކޮށްދީފައި ނުވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކަށް ވާނީ ޔާމީން ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށްވެސް އެނގިވަޑައިގަންނަވާނެ." ކަމަށެވެ. އަދި ޔާމީންގެ އިންސާނީ ހައްގުތަކާއި ކަރާމާތައް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އޭނާގެ ޞަމީރު ތަންދެން ކަމެއް ނޫން ކަމަށް އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އޮސްޓްރޭލިއާ އިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕޯލް ސްޓެފަންސް ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ކޮލޮމްބޯގައެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ މެދެއްހާ ހިސާބު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަކީ ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހަމްދާން ޝަކީލެވެ. އަދި ރައީސް ޔާމީންގެ ދަރިކަލުން ޒައިން އަބްދުالله ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ފަހަރު ލަންކާ އަށް އިދިކޮޅުގެ ވަފުދެއް ގޮސް ޑިޕްލޮމެޓުންނާ ބައްދަލު ކުރީ، ގާނޫނާ ހިލާފަށް ރައީސް ޔާމީން ޖަލަށް ލީ މައްސަލަ ކުށްވެރިކޮށް ކަންބިޑުވުން ހިއްސާ ކުރެއްވުމަށެވެ.